ބ.އަތޮޅު އޭދަފުށިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 12 އަށް އަރައިފިއެވެ.

އޭދަފުށިން ފުރަތަމަ ދެމީހަކު ކޮވިޑަށް ފައްސިވީ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އެމީހުންނާއި ބައްދަލުވެފައިވާ ބައެއް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ފައްސިވި ފަސް މީހުންނަކީ އޭދަފުށީގައި މުޖުތަމައުގެ ތެރޭގައި ބަލި އުޅޭތޯ ކަށަވަރު ކުރަން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ކޮވިޑަށް ފައްސިވި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ވެސް އިއްޔެ ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭދަފުއްޓަށް އަރައި ފޭބުން މަނާކޮށް، މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އޭދަފުށިން ކޮވިޑަށް މީހަކު ފައްސިވުމުން ވަނީ އަތޮޅު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލާފައެވެ. މިހާރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ފައްސިވި މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

ކޮވިޑުން ދިފާއުވުމަށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުވެސް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްކަމަށް ވުމުންނާއި އެހެނިހެން ބޭނުންތަކުގައި ވެސް ވަރަށް ގިނައިން އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ދަތުރުކުރާ ރަށަކަށް ވުމުން އެހެން ރަށްތަކަށް ބަލި ފެތުރިފައި އޮތުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރިމޯދީ

    މި ސަރުކާރު އޮތީ ރޭޕާއި ވައްކަމަށް ފައްސިވެފަ