ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަން އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީއެންސީގެ ކައުންސިލް މެންބަރު މުހައްމަދު ނާޝިދު (ނާޑު) ވިދާޅުވެއްޖެއެވެ.

ނާޑު މިހެން ވިދާޅުވި އިރު ރައީސް ސޯލިހާއި ނަޝީދާއި ދެމެދު ވަނި ގިނަ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށް ނަޝީދު ވަނީ ދާދިފަހުން އެއްބަސްވެސް ވަޑައިގެންފައެވެ. އަދި އަންނަ ފެބްރުއަރީ މަހު ބޮޑުވަޒީރުކަމާއި ހަވާލުވެ ރައީސް ސޯލިހްގެ އަތުން ވެރިކަމުގެ ބާރުތައް އަތުލައްވަން ބޭނުންވާކަން ނަޝީދު މިހާރު ވަނީ ރައީސް ސޯލިހަށް އަންގަވާފައެވެ.

ނާޑު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަން ރީންދޫ ފަތިހަކަށް އިރު ނާރައި ނަޝީދުގެ ސިޔާސީ ތަރި ދަނީ އޮއްސެމުން، ފަނޑުވަމުން ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުން ވެސް މިހާރު ގޮވަމުން ދަނީ ނަޝީދު ނޫން ގޮތެއް ހޯދުމަށް ކަމަށެވެ.

"ރަން ރީނދޫ ފަތިތަކަށް އިރު ނާރައި ނަޝީދުގެ ސިޔާސީ ތަރި މިރާއްޖެ އިން ދަނީ އޮއްސެމުން، ފަނޑުވަމުން. އެމްޑީޕީ އާއްމު މެންބަރުން ވެސް މިހާރު ގޮވަމުން ދަނީ ނަޝީދު ނޫން ގޮތެއް ހޯދުމަށް. ރައީސް ސޯލިހްގެ ސަރުކާރަށް ދެއަހަރާއި ބައި ފުރުނުއިރު ސަރުކާރު ހިންގަން އެންމެ ބޮޑު ހުރަހަކީ ނަޝީދު." ނާޑު ވިދާޅުވިއެވެ.

ސޯލިހްގެ ސަރުކާރު ހިންގަން އޮތް އެންމެ ބޮޑު ހުރަހަކީ ނަޝީދުކަމަށް އިދިކޮޅުގެ ސީނިއާ މެންބަރަކު ތުހުމަތު ކުރިއިރު ސަރުކާރުން ބޭނުންވާ ގޮތައް ފައިސާ ޗާޕް ކުރުމުގެ ހުއްދަ ހޯދަން މަޖިލީހަށް ހުށަހެޅި ހުށަހެޅުން ފެއިލް ކޮށްލަން ނަޝީދު މިހަފްތާގައި މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އިއްޔެ އަލުން ވަނީ އެމައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސް ކޮމެޓީއަށް ފޮނުވާފައެވެ.