ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ފުލުހުން ހާޒިރުވާން އަންގައި ފުލުހުން އާއްމުކޮށް އިއުލާން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ތަހްގީގަށް ހާޒިރު ކުރަން ބޭނުން ވަނީ ބަނގުލަދޭޝް ރައްޔިތެއް ކަމަށްވާ އެމް.ޑީ އިދްރީސް (34އ) ކަމަށެވެ. އޭނާ ޕާސްޕޯޓް ނަމްބަރަކީ C1497280 އެވެ. އޭނާ ހޯދަން ފުލުހުން މިދިޔަ ޖަނަވަރީ މަހު ވެސް އިއުލާން ކުރިއެވެ. އޭރުވެސް ފުލުހުން ވިދާޅުވީ އޭނާ ހޯދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކަމަށެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ބިދޭސީ މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އޭނާ ހާޒިރު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށް ކަމަށް ވިދާޅުވުން ފިޔަވައި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފލުހުން ވިދާޅުވީ އޭނާ ހާޒިރު ވާން ޖެހޭނީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 އޭޕްރީލް 29 ވަނަ ދުވަހުގެ 10:00 އަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް އެފަދަ ބައެއް މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.