މަރުކަޒީ ބޭންކު އެމްއެމްއޭއިން ފައިސާ ޗާޕު ކުރުމަށް ހުއްދަ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅުމުން އެހުއްދަ ދިނުމަށް ބާއްވަން އުޅުނު މަޖިލިސް ޖަލްސާ މިއަދު ބާއްވަން ޝެޑިއުލް ކުރުމަށް ފަހު ފަސްކޮށްފިއެވެ.

ދެން ޖަލްސާ ބާއްވާނެ ދުވަހެއް އަދި މަޖިލީހުގެ އިދާރާ އިން ހާމައެއް ނުކުރެއެވެ. ފައިސާ ޗާޕް ކުރަން މިދިޔަ އަހަރު ދިން ހުއްދަ އެއް އަހަރަށް އިތުރު ކުރުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ރޭ ވަނީ ނިންމާފައެވެ.

މުއްދަތު އިތުރުކުރަން ފެންނަ ކަމަށް ނިންމާފައިވަނީ އެކަން ދިރާސާ ކުރުމަށް އިއްޔެ ހެދި ވަގުތީ ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވަގުތީ ކޮމިޓީން އިއްޔެ ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް ކުރަން ސަރުކާރުން މިދިޔަ އަހަރު ފުރަތަމަ ހުށަހެޅީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުންނެވެ. މިދިޔަ އަހަރު ވަނީ 4.4 ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ.

ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާތީ ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލުނުކުރުމުގެ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަހަރު ދައުލަތުގެ ހިންގުމަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ. ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓް ފެސިލިޓީއެއްގެ ހުއްދަ ދީފައިވާއިރު މިހާތަނަށް 3.8 ބިލިއަން ރުފިޔާ ވަނީ ޗާޕުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު