އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމަށް، އެ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް 4 ދަރިވަރެއް ސްޕޮންސަރކޮށްދީފިއެވެ.

މީއީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ދިން ފުރުސަތެކެވެ.

މިސްޕޮންސަރޝިޕްއާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާޙް ކުރުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހިދުމަތްތަކެއް ނަމަވެސް، މިދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދު ކަމަށެވެ. އެހެންވެ މި ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ސްޕޮންސަރކުރާ 4 ދަރިވަރުން ތަމްރީން ކުރެވޭނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މިދާއިރާތަކުންނެވެ. 4

އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

އެ ކުންފުނިން ބުނީ މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް މިފަދަ ފުރުސަތެއް، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައަށް ފައިދާކުރަނިވި ކަންތައްތަކެއް ކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.