ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ފައިޒާ ވެކްސިނަށް މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ކްލަސްޓާ، ފާތިމަތު އަނާ ވިދާޅުވީ ފައިޒާ ވެކްސިން ޖެހުމަށް ޖުމްލަ ފައިޒާ ވެކްސިން ޖެހުމަށް ޖުމްލަ 1،338 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

ރާއްޖޭގައި ފައިޒާގެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 583 މީހުންނެވެ.

އަނާ ވިދާޅުވީ ފައިޒާ ވެކްސިންގެ މަދު ސްޓޮކެއް ލިބިފައިވާތީ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެޕޮއިންޓްމަންޓް ދީގެން، ރަޖިސްޓްރީ ކުރި ތަރުތީބުން ކަމަށެވެ. އެހެންކަމުން އެޕޮއިންޓްމަންޓް ލިބޭ ދުވަހަކަށް ވެކްސިން ޖެހުމަށް އައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ދޭން ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ފައިޒާ ވެކްސިން ދިނުމަށް ނިންމާފައިވަނީ 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސް ކުރާ މީހުންނާއި 60 އަހަރުން މަތީގެ މީހުންނަށެވެ.

މި ވެކްސިން ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުން ހިމެނެއެވެ. އޭގެތެރޭގައި ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނާއި އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ މީހުން ހިމެނެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑުން ދިފާއު ވުމަށް ޖަހަމުން ގެންދަނީ ފައިޒާ ވެކްސިންގެ އިތުރުން ކޮވިޝީލްޑް އާއި ސިނޮފާމް ވެކްސިނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެހެނުންވާނީ ރާއްޖޭގެ އެތަކެއް ރައްޔިތުންނަށް ވަޒީފަގެބިރު ދައްކަ މަޖުބޫރުން އެއްވެ ސް ފައިދާއެއްނެތްވެކް ސިނެއް ޖަހަބާލައިފި. ދެން އެހެން އެއްޗެއް ޖަހާނެ ގޮތެއް ބުނެބަ

    4
    1