ސަލްޓަން ޕާރކްގައި ތަރައްގީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް ހައުސިންގ މިނިސްޓްރީން ހަވާލުކޮށްފައިވާ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިން މާލެ ސިޓީ ކައުންސިލަށް ހާޒިރުވާން އަންގައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ފަރާތުން ވިންޓަރ ތީމް ޕާރކް އޮޕަރޭޓް ކުރަމުން ނުދާ ކަމަށާއި، އަދި އެ ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުް ކަމަށެވެ.

އަދިއެ ކުންފުންޏާއެކު މުއާމަލާތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް ކުންފުނީގެ އެއްވެސް ބޭފުޅަކާ މުއާމަލާތް ކުރެވޭނެ ގޮތްވެފައި ނުވާ ކަމަށާއި، އަދި މިވަގުތު އެކުންފުނި ހިންގަމުން ދަނީ ކޮން އެޑްރެހެއްގައި ކަން ކައުންސިލަށް އެނގިފައިނުވާ ކަމަށް އެ އިއުލާނުގައި ވެއެވެ،

އެހެންކަމުން އެކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި މިކައުންސިލަށް ހާޒިރުވުމަށް އަންގާ ކަމަށް އެ އިއުލާނުގައި ވެއެވެ.

"މި މުއްދަތުގެ ތެރޭގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅަކު، މާލޭ ސިޓީ ކައުންސިލަށް ހާޟިރުނުވެއްޖެނަމަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުން ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ". އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ވިންޓާ ތީމް ޕާކަކީ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ފިނި މޫސުމާއި، އެ މޫސުމުގެ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ރައީސް ޔާމީން ސަރުކާރުން ތަރައްގީ ކުރި ތަނެކެވެ.