އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް އެޅައިދޭނެ ބަޔަކު ހޯދަން އެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީވެ، ޕްލޭނިންގ މިނިސްޓްރީގެ "ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

އެެ އިއުލާނުގައިވާގޮތުން މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ކައުންސިލުން ލިބެން ހުންނާނެ އެވެ.

އެ އިއުލާނުގައި ވަނީ މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1500.00ރ ( ފަނަރަ ސަތޭކަ ރުފިޔާ ) ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ އަންނަ މެއި މަހުގެ ހައެއް ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައި ކަމަށް އެ އިއުލާނުގައި ވެއެެވެ.