އއ. މަތިވެރިން ހދ. ހަނިމާދޫ އަށް ދަތުރު ކުރި 2 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފައްސިވެފައިވަނީ ހަނިމާދޫ އަށް ދަތުރު ކުރި 2 ކުދިންނާއި މަންމަގެ ތެރެއިން ކުއްޖަކާއި މަންމަ ކަމަށެވެ.

ހަނިމާދޫ ކައުންސިލްގެ އެކްޓިންގް ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަލީ "ވަގުތު" އަށް ވިދާޅުވީ، އެ މީހުން އެރަށަށް ގޮސްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި ކުއްޖާއާއި މަންމަ ފައްސިވެފައިވަނީ މިއަދު ނެގި ސުންކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުން ދަތުރު ކުރި ފަހުން މަތިވެރިން ވޭދައެއް ފެނުނީ. އެހެން ކަމުން ހޮސްޕިޓަލުން މިއަދު ނެގި ސުންކުން އެމީހުން ފައްސިވީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމީހުން ފައްސި ވުމުގެ ކުރިން ރަށުގެ އެކި ގެތަކަށާއި މީހުންނާއި ދިމާވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ގާތުން ބައްދަލުވި މީހުން ހޯދައި އެމީހުންގެ ސުންކު ނެގުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫއިން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިއަދު ހަވީރު 5:45 އެހާކަންހާއިރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދަށް އަދިވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 253 މީހަކު ފައްސިވެފައި ވެއެވެ. އެއީ މާލެއިން 111 އަދި އަތޮޅުތެރެއިން 61 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 26،90 އަށް އެރީއެވެ. މީގެ ތެރެއިން މިވަގުތު ފަރުވާދެނީ 2،905 މީހަކަށެވެ. އަދި މިވަގުތު ފަރުވާދެމުންދާ މީހުންގެ ތެރެއިން 83 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 71 މީހަކު މަރުވެފައި ވެއެވެ.