ތިން އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 24 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 20:55 ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުރާސްފަތި ދުވަހު ހެނދުނު ބަޔާނެއްގައި ވިދާޅުވީ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން، މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާދިސާ ހިނގީ ކޮންއިރަކު ކޮންރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ މިމައްސަލަ ހުށަހެޅުމާއި ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާ ކަމަށާއި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ، ސައިކޮލޮޖިކަލް ރިޕޯރޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ނަށް އަރުވާ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ އެންމެހާ ކުޑަކުދިންނާއި މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ފުލުހުންގެ ފަރާތުން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަތަކަށްވާތީ، މިބާވަތުގެ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ލަސްނުކޮށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގެ ހިލޭ ގުޅޭ ނަންބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް އެފަދަ ބައެއް މައްސަލަތަކުގައި ހިމެނޭ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަޒު

    ކޮބާ އާއި ސާ ދިޔެ އިސްތިއުފާ ދޭކަށް ނުވޭތަ؟

    3
    1
  2. ޖާބިރު މިއާ

    ހެއްކާއި ގަރީނާ ލިބުނަސް އިންސާފެއް ނުލިބޭނެ.އަހަރުމެން އިތުބާރެއް ނުކުރަން.ކިތެއް މައްސަލަތޯ ވަޅު ޖެހިފައޮތީ .ކޮންކަމެއް ނުވެގެންތޯ.ގަރީނާއާއި ހެކި ނެތިތޯ؟ވަރިހަމަ ފުލުހުން ތިމައްސަލަ ރޮކެޓް ސްޕީޑުގަ ގެންދިޔަސް ވާނެކަމެއް ނެތް.މިސަރުކާރަކީ ތިފަދަ ކަންކަމަށް ފަރުވާލެއް ބަހައްޓާ ސަރުކާރެއްނުން.ސިޔާސީ މީހެއް ވެއްޖެއްޔާ ގުރުބާން ކޮއްލާނެ.އަބަދުވެސް އިދިކޮޅު މީހުން ކަސްތޮޅު އެޅުވޭތޯ ބަލާނީ.

  3. ސިދާތާ ޝަރީފް

    ޖެންޑާ މިނިސްޓަރު އިސްތިއުފާ ދޭކަށްނުވޭތަ. އެމްޑީޕީ މީހުން ނުވޭތަ މުޒާހަރާއަށް ނިކުމެ މިނިސސްޓަރުގެ ނޯކޮންފިޑެންސް ވޯޓފުނަގާކަށް.

  4. ކީކޭދެން ބުނާނީ

    ގައުމެއްނެތޭ ގައުމުގެ އިޖުތިމާއީ ފޭރާން ވީދިއްޖެޔޭ.