އިސްރާފު ކުރުމަކީ އިޖްތިމާއީ ބަލިމަޑުކަމެއް ކަމަށާއި ތަނަވަސްކަން އަތުވެއްޖެ ނަމަ މިކަމުގެެ ދޮރު ހުޅުވޭ ކަަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާ މިފަހަރު އަމާޒުކޮށްފައި އޮތީ އިސްރާފު ކުރާ މައްސަލައަށެވެ. ރަމަޟާން މަހަކީ ކާބޯތަކެތި ގިނަ އިން ބޭނުން ކުރާ މައްސަރެއް ކަމުން މި މަހުގައި އިސްރާފު ކުރުމަކީ ވަރަށް އާންމު ކަމަކަށް ވަނީ ވެފައެވެ.

ޚުތުބާގައި ވަނި ފާސިގުވުމާއި އިސްރާފްކުރުމަކީ އިޖްތިމާއީ ބަލިމަޑުކަމެއް ކަމަށާއި، މީހުންގެ ތެރެއަށް ތަނަވަސްކަން އަތުވެއްޖެ ނަމަ އިސްރާފުކުރުމާއި، ފާސިގުވުމަކީ ފެންނާނެ ކަންކަން ކަމަށް ބުނެފައެވެ.

"އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަން ރަސްކަލާނގެ އިރާދަ ކުރައްވައިފި ނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަން ރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި ފާސިދު އަމަލު ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ހައްގުވެދެތެވެ. ދެން ތިމަން ރަސްކަލާނގެ އެ ރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ." ފާސިގުވުމާއި އިސްރާފުކުރުމާ ގުޅޭ ގޮތުން މާތް ﷲ ވަހީކުރައްވާފައި ވެއެވެ.

ޚުތުބާގައި ވަނީ، ބަޔަކަށް މުއްސަނދިކަން ލިބިއްޖެ ނަމަ ބޮޑާވެ، ބޭކާރު ގޮތުގައި، މުދާތައް އިސްރާފު ކުރަން ފަށައިފާނެ ކަމަށް ބުނެފައެވެ.

މިކަން ބަޔާން ކުރައްވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެެ: "ﷲ، އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒްގު ތަނަވަސްކޮށްދެއްވައިފި ނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފިހެވެ." މިހެންވެ، އިސްރާފު ނުކުރުމަށް އަމުރު ކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ވެސް ވަނީ އިސްރާފު ނުކުރުމަށް ބާރު އަޅުއްވައިފައެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުން މެދުމިންވަރު ގައި ހިފާށެވެ! ތިޔަބައިމީހުން މެދުމިންވަރުގައި ހިފާށެވެ! އޭރުން ލަނޑުދަނޑިއަށް ވާސިލުވެވޭނެތެވެ.)

އިސްރާފު ކުރުމަކީ، ކޮންމެ ކަމެއްގައި ވެސް ޙައްދު ފަހަނަޅައި ދިޔުން ކަމަށާއި އެއީ ހަމައެކަނި ކެއުން ބުއިމާ ގުޅިފައިވާ ކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާ ހަމައަށް ހިނގައްޖެ ނަމަ އެއީ ވެސް އެކަމުގައި އިސްރާފު ކުރުމެއް ކަމަށް ޚުތުބާގައިވެއެވެ.