ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހެކެވެ.
އެ ބިލު ހުށަހެޅުއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް އިންތިޒާމްކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.
އެ ބިލު ދިރާސާ ކުރުމަށް ފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވާފައެވެ.
ކޮމިޓީ ރިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހްތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުން ހިމެނެެއެވެ.
އެގޮތުން އެ ބިލްގައި ވަނީ ސިއްހީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ކަމަށްވަނީނަމަ، އެކަށީގެންވާ ހެއްކާއެކު އެކަން ހެލްތް މިނިސްޓަރަށް އަންގަން ވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓަރު އެ ހާލަތު އިއުލާނު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް އެ ލަފާ އަރުވަން ވާނެ ކަމަށް ބުނެފައި ވެއެވެ.
އެ ބިލްގެ އިތުރުން، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށްވެސް އިސްލާހު ގެނެސްފައި ވެއެވެ.
ކެނެރީ އަންނިޔައް ތިޔަ ހުރިހާ ބާރެއްދީ.
30 އަހަރު ވެރިކަމަުގަ އޮތްގޮތައް ހުރިހާކަމެއް ރައީސްގެ އަތައްކަހާލީމަ އެނިމިނީ
މުޅި އޮޑީގަ ހަސަނުގެ ދެފައި. މަޖިލިސްމެމްބަރުން މީ ބޮޑު ނޮހޮރުއްޕާނަކަށް ވެއްޖެ..