އއ. މަތިވެރިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 64 އަށް އަރައިފިއެވެ.

މަތިވެރިން ފައްސިވެފައިވާ މީހުންނަކީ އެއަތޮޅު ބޮޑުފުޅަދޫ އިން ކޮވިޑަށް އަށް ފައްސިވި މީހާއާ ގާތުން އެއްތާންވި މީހުންނެވެ.

މަތިވެރިން ބަޔަކު ފައްސިވުމާއި ގުޅިގެން އެ ރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

މިއަދު އެރަށުން ފައްސިވި 64 މީހުންނާއި އެކީ މިހާރު އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 83 އަށް އަރާފައެވެ.

މަތިވެރިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެން އެރަށް މިހާރު ވަނީ ބަލީގެ ނުރައްކާ ބޮޑު ރަށެއްގެ ގޮތުގައި ވެފައެވެ.

މަތިވެރިއަކީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ރަށެކެވެ. އެރަށުގައި ގިނަ ގެސްޓްހައުސްތައް ހިންގަމުންދެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދަށް އަދިވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު 164 މީހަކު ފައްސިވެފައި ވެއެވެ. އެއީ މާލެއިން 67 އަދި އަތޮޅުތެރެއިން 67 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 27،084 އަށް އެރީއެވެ. މީގެ ތެރެއިން މިވަގުތު ފަރުވާދެނީ 2،939 މީހަކަށެވެ. އަދި މިވަގުތު ފަރުވާދެމުންދާ މީހުންގެ ތެރެއިން 90 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 71 މީހަކު މަރުވެފައި ވެއެވެ.