ރާއްޖޭގެ ހާލަތު ގޯސް ނުވަނީސް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެއެވެ.

އުޝާމްގެ މައިގަނޑު ކަންބޮޑުވުމަކީ އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އިންތިހާ އަށް ގޯސްވެފައިވާ އިރު ވެސް އެ ގައުމުން ރާއްޖެ އަށް ފަތުރުވެރިން އަންނަމުންދާތީއެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއް ރީޓުވީޓް ކުރައްވައި އުޝާމް ވިދާޅުވީ އިންޑިއާގައި ކޮވިޑް ފެތުރި ހާލަތު ގޯސްވަމުން އަންނަ އިރު އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރަން ނުވޭތޯ ސުވާލު އުފައްދަވައިފައެވެ.

"ރައްކާވެ ތިބިއްޔާ ދަތުރޭ" ވިދާޅުވަމުން އަންނަ އިރުން އެެކަން އަމަލުން ނުފެންނަ ކަމަށާއި ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވަނީސް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އުޝަމް ވަނީ ގޮވާލައްވައިފައެވެ.

އިންޑިއާއިން މީގެެ ކުރިން ދުވާލަކަށް 10،000 މީހުން ކޮވިޑަށް ފައްސިވަމުން އައި ނަމަވެސް އެ އަދަދު މިހާރު ވަނީ އެގައުމުން ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އެ ގައުމުގައި ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ދަނީ ފައްސިވަމުންނެވެ.

ގިނަ ގައުމުތަކުން އަންނަނީ އިންޑިއާ އަށް ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ބުނެ ޓްރެވަލް އެޑްވައިޒަރީތައް ނެރެމުންނެވެ.

އިންޑިއާ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޔޫއޭއީ، އިނގިރޭސިވިލާތް، ސިންގަޕޫރު، ޕާކިސްތާން، ނިއުޒިލޭންޑް އަދި ހޮންގްކޮންގް ފަދަ ގައުމުތައް ހިމެނެއެވެ.

ޔޫއޭއީން ވަނީ މިދިޔަ 14 ދުވަހުގެ ތެރޭ އިންޑިއާގައި ޓްރާންސިޓްވި ނަމަވެސް އެ ގައުމަށް ނޭރޭނެކަން ހާމަ ކޮށްފައެވެ. އަދި އިނގިރޭސިވިލާތުން ވަނީ ކޮވިޑް ޓްރެވަލް "ރެޑް ލިސްޓް" ގައި އިންޑިއާ ހިމަނައިފައެވެ.

ހޮންގްކޮންގް އިން ވެސް ވަނީ އިންޑިއާއިން އަންނަ ދަތުރުވެރިން އެތެރެވުން މަނާ ކޮށްފައެވެ. އަދި ސިންގަޕޫރުން ވަނީ އިންޑިއާ އިން ދާ މީހުން އިތުރު ހަތް ދުވަސް ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެެެރިން އަންނަ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ވ. ވެސް ބޮޑު ތެދެއް.
    ޢަދަދު ތައް މިހާ މަތީގައި . ކީއްވެބާ ފަރުވާކުޑަ ކޮށްލީ. ނަތީޖާ ވ. ހިތިވެދާނެ ޒިންމާ ނަންގަވާ ފަރާތްތަކަށް އިހްމާލުވު ތުހުމަތު ނުކުރެވޭނެބާ

    19
  2. އަހްމަދު

    އިންޑިއާމިހާރުއޮތްހާލަތުން ސަރުކާރުން މަނާނުކުރިނަމަވެސް އިންޑއާގެބުކިންތައްކެންސަލްކޮށް ހުރިހާގެސްޓުހައުސްއަކުންވެސް އެބަޖެހޭ ރައްކާތެރިކަމުގެފިޔަވަޅުއަޅަން އަދިކައުންސިލްތަކުންވެސްއެބަޖެހޭ މިވަގުތައް ރަށުގެރައްޔިތުން ގެރައްކާތެރިކަމަށް ސަމާލުކަންދެއްވަން އިންޑިއާގެ ހާލަތުރަނގަޅުވަންދެން އިންޑިއާގެފަތުރުވެރިންނައް ރައްރަށައްއެރުން މަނާކުރަންއެބަޖެހޭ

    10
  3. މާމީ

    އިންޑިއާ މީހުނައް ބޭނުން ގަޑިއެއްގަ ރާއްޖެއައް އާދެވޭނެ އެކަމާ އެއްޗެއް ބުނާ މީހާ ގޯސްވާނީ،،،

  4. ޖުހާ

    ހުސް ބޭކާރުވާހަކަ އަދި މަޖިލިސްގަ ވިލިމާލޭގެ އެއްވެސް ވާހަކައެއް ނުދައްކާ މީނަ ހޮވުނީމަ ހުރިހާ ކަމެއް ހައްލުވީބާ؟؟؟!

    4
    4
  5. ފާތި

    ވިލިމާލޭ މެމްބަރު ޢުޝާމް އަކީ މަޖްލިސްގަ ބޭކާރު
    ވާހަކަނުދައްކާ މަދު މެމްބަރުންގެތެރެއިން އެއްބޭފުޅެއް. ވިލިމާލޭ ރައްޔިތުން އުފާކުރުން ހައްޤު ތަޢުލީމީ ޤާބިލް ބޭފުޅެއް. އިންޑިޔާ ޓުއަރިސްޓުން މިދުވަސްކޮޅުމާލެ އަށް އައުން ހުއްޓުމަކަށްގެނައުމަށް ވިދާޅުވެފައިވާ ވާހަކަ އަކީ ވަރަށް ބޮޑުތެދުފުޅެއް.