ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.

އެ ރަށުން މި ފަހުން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މިދިޔަ ހޯމަ ދުވަހު މާލެ ގޮސް ޓެސްޓް ހެދުމުންނެވެ. ޖަލު އޮފިސަރު ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ ދުވަހުގެ ރޭ ހިންމަފުއްޓަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުން އޭނާއާ އިތުރު ބަޔަކު ބައްދަލުވެފައި ހުރި ކަން ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި ގިނައީ ވެސް އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނެވެ.

ހިންމަފުށި ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އިއްޔެ އިތުރު ހަ މީހަކު އެ ރަށުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. ރަށުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ކޭޓަރިން މަސައްކަތުގައި އުޅޭ ބަޔަކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރެކްޝަނަލް ސާވިސް އޮފިސަރެއްގެ އަނބިމީހާ ވެސް ކޮވިޑަށް ވަނީ ފައްސިވެފައި. އެއީ ރަށު ތެރެއިން ފެނުނު ހަމައެކަނި ކޭސް،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އައިއިރު، އެއްވެސް ގައިދީއަކަށް ކޮވިޑް-19 ޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް، އައްސޭރި ޖަލު ތެރޭގައި ކޮވިޑް-19 ފެތުރިފައި އޮތް ކަމަށް ބެލެވޭތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިންމަފުށީގައި ކަރަންޓީންގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ ރަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މިދިޔަ ހޯމަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި އެންގުމެއްގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.

ހިންމަފުށި މޮނިޓަ ކުރުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދީ މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް ވެސް އެންގުމުގައިވެއެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އައި ބަޔަކު ކޮވިޑަށް ފައްސިވެ މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ރަށަށް އަރައި ފޭބުން މަނާ ކުރިއެވެ.