ހދ. ހަނިމާދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހަނިމާދޫއިން ފައްސިވެފައިވަނީ މީގެ ކުރިން ފައްސިވެފައިވާ އަންހެން މީހާގެ މަންމައެވެ.

ހަނިމާދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ އއ. މަތިވެރިން އެރަށަށް ދަތުރު ކުރި މަންމަ އަކާއި ކުޑަ ކުއްޖެކެވެ.

ހަނިމާދޫ ކައުންސިލްގެ އެކްޓިންގް ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަލީ "ވަގުތު" އަށް ވިދާޅުވީ، އިތުރު މީހަކު ފައްސިވެފައިވާ ކަން އެނގިފައިވަނީ ފުރަތަމަ ފައްސިވެފައިވާ ދެ މީހުންނާއި ގާތުން ބައްދަލުވި މީހުންގެ ސުންކުން ކަމަށެވެ.

އެގޮތުން އެ ދެމީހުންނާއި ގާތުން ބައްދަލުވި 20 މީހަކު ހޯދައި ސުންކު ނެގި ކަމަށް އޭނާ ވިދާޅުވިއެވެ.

"20 ސުންކުގެ ތެރެއިން އެކަކު ފައްސިވީ" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދަށް އަދިވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް ރިކޯޑް އަދަދަކަށް މީހުން ވަނީ ފައްސިވެފައެވެ. އެއީ 319 މީހެކެވެ. އޭގެތެރެއިން މާލެއިން 108 އަދި އަތޮޅު ތެރެއިން 182 މީހަކު ހިމެނެއެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 27،403 އަށް އެރީއެވެ. މީގެ ތެރެއިން މިވަގުތު ފަރުވާދެނީ 3،207 މީހަކަށެވެ. އަދި މިވަގުތު ފަރުވާދެމުންދާ މީހުންގެ ތެރެއިން 98 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.