ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ކޮވިޑް-19 އަށް ފަރުވާ ދިން ބަލި މީހާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު އަދި އެޗްއީއޯސީ ޓެކްނިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ، އުމުރުން 58 އަހަރުގެ އެ އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއް ގައި ކަމަށެވެ.

ކޮވިޑް-19 ޖެހިގެން އެ އަންހެން މީހާ އެނދުމަތި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ އަންހެން މީހާ އަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގެ އިތުރުން، އައިޖީއެމްއެޗް އައިސީޔޫ އަދި އައިޖީއެމްއެޗް ޕްރައިވެޓް ވޯޑް 1 ގައެވެ.

ޑރ. އަލީ ވިދާޅުވީ، އެ އަންހެން މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ ސްޓާފުން، ނަރުހުން، މެޑިކަލް އޮފިސަރުންގެ އިތުރުން، އެހެން ސްޓާފުން ވެސް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭއިން މިހާތަނަށް 27،403 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 3،094 މީހަކަށެވެ. އޭގެ ތެރެއިން 98 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަކޫން

    ތިޔަވާނީ ކޮންމެވެސް ޝާހީ ޢާއިލާ އެއްގެ ބޭ ފުޅަކަށް އެހެން ނޫންނަމަ ނެރޭނީ ގަބުރު ތޯއްޗެ

    3
    2