ގދ.ތިނަދޫން ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ.އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ހޯމް ކަރަންޓީންގައި ތިބި ދެމީހަކު ދޫކޮށްލުމުގެ ގޮތުން 22 އެޕްރީލްގައި ނެގި ދެސުންކު ކޮވިޑް-19 އަށް ފައްސިވެފައިވުމުން، ގާތުން އެއްތާވި މީހުންގެ ގޮތުގައި ފާހަގަވި ފަރާތްތަކުގެ ތެރެއިން އެމީހުންނާއި ގާތުން އެއްތާވި އެކަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އޭނާ އާއި ބައްދަލުވެފައިވާ މީހުންގެ އަދަދެއް އަދި ނޭނގެއެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލާއި ހިލާފު ވުމުންނެވެ.

ފަހަކަށް އައިސް އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ.

ކިޔުންތެރިންގެ ހިޔާލު