ލ.އަތޮޅު މާންދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ އުފެދިފައިވާ އިހާ (ކްލަސްޓާ) އާއި ގުޅުން ހުރި ދެމީހަކު މިއަދު ވެސް ލ.ގަމުން ކޮވިޑަށް ފައްސިވެއްޖެއެވެ. އެހެންކަމުން މިހާތަނަށް ގަމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ.

ގަމު ކައުންސިލުން މިރޭ ބުނީ މިއަދު ވެސް ކޮވިޑަށް ފައްސިވެފައި ވަނީ އެރަށު މުކުރިމަގު ދެމީހުން ކަމަށެވެ. މީގެ ކުރިން ފައްސިވި ތިން މީހުން ވެސް ނިސްބަތްވަނީ އެއަވަށަށެވެ. ކައުންސިލުން ބުނީ މިއަދު ފައްސިވި ދެމީހުންނަކީ މާންދޫން ބަޔަކު ފައްސިވުމުން މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ދެގެއެއްގައި ދިރިއުޅޭ ދެމީހުން ކަމަށެވެ. އެހެންކަމުން އެމީހުން ފައްސިވިއިރު ވެސް ތިބީ ކަރަންޓީންގައެވެ.

ގަމު ކައުންސިލުން މިރޭ އާއްމުކުރި މައުލޫމާތުތައް ބުނާ ގޮތުގައި މިހާތަނަށް އެރަށުން ފައްސިވި މީހުންނާއި، އަދި މާންދޫން ފައްސިވި މީހުންނާއި ގުޅުން ހުރެގެން 52 ގެއެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އޭގެތެރޭގައި ގަމުގެ ހުރިހާ އަވަށެއްގެ ގެތައް ވެސް ހިމެނެއެވެ.

މިގެތަކުގެ އިތުރުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ވެސް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ގަމު ކައުންސިލްގެ ރައީސް އަހްމަދު ޝިޔާމް މިއަދު ހަވީރު ވިދާޅުވީ މިއަދާއި މިރޭ ގަމުންނާއި މާންދޫ 190 ސުންކު ނަގައި ޓެސްޓް ކުރުމަށް މާލެ ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެސުންކުތަކުގެ ނަތީޖާ ލިބުމުން ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަނެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާންދޫ ކޮވިޑަށް ބަޔަކު ފައްސިވުމުން ގަމާއި ފޮނަދޫ ރޭ ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. މިހާތަނަށް މާންދޫން 12 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު