ޕެންޝަން ލިބެމުންދާ ގިނަ ބަޔަކަށް ޕެންޝަން ނުދޭ ގޮތަށް ނުވަތަ ދެމުންދާ ޕެންޝަންތައް ހުއްޓުވާ ގޮތަށް ޕެންޝަން ޤާނޫނު ބަދަލު ކުރަނީ ފައިސާ ދޭން ޖެހޭ އެހެން ބަޔަކަށް ފައިސާ ހޯދަން ކަމަށް މައުލޫމާތު ލިބޭކަމަށާއި ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި މިވަނީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ބިލަކާ ގުޅިގެނެވެ. އެބިލްގައި ވަނީ އުމުރުން 65 އަހަރަށް ވުރެ ދޮށީ އުމުރުގެ ރަށްވެހިންނަށާއި ފުލުހުންނާއި ސިފައިންނަށް އަދި ފަނޑިޔާރުންނަށް ދޭ އަސާސީ ޕެންޝަން ފިޔަވައި، ދައުލަތުގެ އެހެނިހެން އިދާރާތަކުން ދެމުން އަންނަ ޕެންޝަންތައް ދިނުން ހުއްޓައިލުމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންޝަން ލިބޭ މީހުނަށް ނިކަމެތިކަން ލިބޭ ގޮތަށް ޤާނޫނު ބަދަލު ކުރަނީ ވެސް ސަރުކާރުން ކޮންމެހެން ފައިސާ ދޭން ޖެހޭ މީހުނަށް ފައިސާ ހޯދަން ކަމުގައިވާނަމަ އެއީ އަދި މާ ހިތާމަ ހުރި ކަމެއް ކަމަށެވެ.

"ޕެންޝަން ލިބޭ މީހުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ،" އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

ބިލުގައިވާ ގޮތުން މިހާރު ޕެންޝަން ލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން ދައުލަތަށް 20 އަހަރު ދުވަހު ޚިދުމަތް ކުރި ފަރާތްތަކާއި، 40 އަހަރު ދުވަހު ޚިދުމަތް ކުރުމުން ދެވޭ ޕެންޝަން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ދިނުން ހުއްޓުމަކަށް އަންނާނެއެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރާ ފަރާތްތަކަށް ވެސް ޚާއްސަ ޕެންޝަނެއް ދެމުން އަންނައިރު، އެ ޕެންޝަން ވެސް ކެނޑިގެން ދާނެއެވެ.

އެހެން ވިޔަސް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ދެވޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މި މާއްދާއިން އިސްތިސްނާ ވާނެ ކަމަށް ބިލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަހީދު

    ޕެންޝަންފައިސާ ދިނުން ހުއްޓާލާނަމަ އެއްވެސް ދާއިރާއެއް އިސްތިސްނާވެގެން ނުވާނެ.ޤާނޫނު ހިނގަންވާނީ އެންމެންނަށް ހަމަހަމަކޮށް އަދި އެޤާނޫނު އިސްލާހުކުރަންވާނީ ވަރަށް ދިރާސާކޮށް ޕެންޝަން ހައްގުވެރީންނަށް އެންމެ ގެއްލުން ކުޑަވާގޮތަށް......

    11
  2. މަލީހާ

    ޕެންޝަން ފަނޑުގައި ބައިވެރިވެތިބި އެތައް މުވައްޒަފުންނެއް ބިކަ ޙާލުގައި އަތްމަތި ދަތިވެ ދަރަނިވެރިވެފައިވާއިރުވެސް ފަންޑުގައި އެމުވައޒަފުން ރައްކާކޮށްފައިވާ ފައިސާގެ ތެރެއިން މިންވަރެއް ޒަރޫރީ ބޭނުންތަކަށް އަދި ދަރިނި ފިލުވުމަށް ނުލިބޭކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. 4 ލައްކަ ރުފިޔާ ފަންޑުގައި ބަހައްޓައިގެން އެކި ފިހާރަތަކަށާއި އަމިއްލަ ފަރުދުންނަށް ދަރާފައިވަނީ ކިތައް މުވައްޒަފުން ހެއްޔެވެ. ނިކަމެތި އާދައިގެ މުސާރަ ކުޑަ މުވައްޒަފުންނާ ދޭތެރޭ ހުރިހާ ސަރުކާރުތަކުންވެސް އިހުމާލުވެފައިވަނީ ވަރަށްބޮޑަށެވެ. އަބަދު ޕޭކޮމިޝަނޭ ކިޔައިގެން މުސާރައަށް ބަދަލު ނުގެނެސް ހިފަހައްޓަނީއެވެ. ޙަޤީޤަތުގައި ރައީސް މައުމޫންގެ ވެރިކަމުގައި މުސާރައިގެ ކުރިއެރިންތައް މާރަނގަޅެވެ. ފަންނީ އެލަވަނސް އާ ދިގުމުއްދަތުގެ އެލަވަނސްފަދަ އެލަވަންސްތައް ލިބެމުން ދިޔައެވެ. އަދި މުސާއަށްވެސް ޙަލަތައް ބަލައި ބަދަލުތައް ގެންނަމުންދިޔައެވެ. މިހާރުގެ ސަރުކާރުތަކުން މިފަދަ އެއްވެސް ކުރިއެރުމެއް މުވައްޒަފުންނަކަސް ނުދެއެވެ. އެންމެ ފަހުން ރައީސް ޔާމިންގެ ވެރިކަމުގައިވެސް މުސާރަ ބޮޑުކުރިއިރު އިދާރީ މުވައްޒަފަކަށް ބޮޑުކުރީ 700ރ އެލަވަންސެކެވެ. ތަކެތީގެ އަގު އިންތިހާއަށްބޮޑުވެ އެކި ނަންނަމުގެ ބިލްތައް އަންނަމުންދާއިރު މުވައްޒަފުންނަށް ލިބޭ 6000 އެއްހާ ކުޑަ މުސާރަކޮޅުން ބިލްތައް ދައްކާފައި ބަކީ ހަމަ އެކައްޗެއްވެސް ނޯވެއެވެ. ބޮޑު މުސާރައިގާ ތިއްބާ ވެރިން ފެންވަރުގެ ބޭފުޅުންނަށް މިކަންކަން ހަމަ އިޙްސާސްވެސް ނުކުރެވޭނެއެވެ. ހަމަ އަހަރެން ސަރުކާރުގައި އުޅޭތާ 30 އަހަރުވާއިރި ޙަޔާތުގައި ބޮޑުބައި ހަމަގައިމުވެސް އުޅެން މިޖެހުނީ ދަރާވިކިގެންނެވެ. މުސްކުޅިންނަށް 5000ރ ގެ އެލަވަންސެއް ލިބޭއިރު އެމީހުން ކުރަންޖެހޭ މާބޮޑު ޚަރަދުތަކެއް ދައްކަންޖެހޭ ބިލްތަކެއް ނުހުރެއެވެ. އެކަމަކު މުވަައްޒަފުމީހާ ދަރިން ބަލާބޮޑުކޮށް ގެދޮރުއަޅައި ބިލްތައްދައްކައި އަދި ޒަރޫރީ އެހެންބޭނުންތަކަށް ޚަރަދުކުރަންޖެހެއެވެ. އެހެންކަމުން މިވާހަކަ މަޖިލީހާއި ސަރުކާރުގައި ދައްކާނެ ދުލެއް ބޭނުންވެއެވެ.

    15
  3. ހަސަދު

    އެތަށް ދުވަހަކު ޚިދުމަތް ކުރި މީހުންގެ އަގުވެސް ވަޒަންނުކުރެވޭ ބައިގަޑެއް މިއުލެނީ. ޓީޗަރުން، ލެކްޗަރަރ އިން ދިރާސާ ކުރާ މީހުން، އިންޖީނޭރުން ޑަކްތަރުން 65 ވާއިރަށް ނަގައި އެއްލައިލުންވެސް އެއީ ހަމަ ޖެހޭ ކަމެއްބާ!!.

    12
  4. އުމަރު

    މަވެސް ފުރަތަމަ މިވާހަކަ އަޑު އިވުނީމަ ވަރަށް ރުޅި އައިސް ކެޓުނު.. އެކަމަކު އޭގަ އޮތީ މުޅިން ހުއްޓާލާ ވާހަކައެއްނޫން.. ޕޭ ކޮމިޝަން އިން ކަނޑައަޅާ ގޮތަކަށް ޕެންޝަން އޮފީހުން ދޭގޮތަށް .. ފަހުން ރިޓަޔަރ ވާ މީހުންނަށް ނުދޭނެ ވާހަކަ.

    2
    10
  5. އިބޫ ހުޅުމާލެ

    ރިސޯރޓުތަކުގައި ޒުވާން އުމުރު ހޭދަކޮށްލާފައި ކަނޑާ ފޮނުވާލާއިރުގައި ގެންދަން ލިބެނީ ދެމަހު މުސާރަ ނިކަމެތިންނަށް ވަޒީފާއެއް ލިބޭނެ ގޮތެއްނޯވީ ވަޡީފާލިބެނީ އައުގުރާނަގޮވައި ފަތްބޮއެ ރަށުތެރޭ ހަމައެއްލަމައެއްނެތި ތެޅޭމީހުންނަށް، ދެން ޕެންޝަން ފަންޑުގައި ހުރި ފައިސާކޮޅު މިފަދަ ހާލެއްގައިވެސް ލިބޭނެގޮތެއްނޯވޭ އެ އޮންނަނީ ސަރުކާރުން ދިރުވާލާފައި ވީމާ އެއާއި ބެހޭގޮތުން ސަރުކާރުން ވާހަކައެއް ނުދައްކާނެ...

  6. އަޙުމަދުޢ

    ޒަމާނުއްސުރެން ދައުލަތުގަ ހަމަޖެހިފައިވާ މިފަދަ ކަންކަން އެކޮޅުކޮޅުން ޖަހާލުން ވާނީ ގިނަބަޔަކަށް ވަރަށް ބޮޑު އަނިޔާއަކަށް. އާދޭސް ކޮށްފަބުނަން! މިފަދަ ކަންކަމަށް ބަދަލުގެނެސް ބަޔަކު ބިކަކޮށް ނުލުމަށް ރައީސަށް، ނާއިބް ރައީސަށް، ފިނޭންސް މިނިސްޓަރަށް އަދި މަޖިލިހުގެ އިއްޒަތްތެރި މެންބަރުންނަށް އިޙުތިރާމާއެކު ދަންނަވަން.

  7. ޕެންޝަނަރު

    ޕެންޝަން ގާނޫނަށް އަމަލުކުރަން ފެށިއިރު ޕެންޝަނަރުންނަށް ސަރުކާރުން ދެ އޮޕްޝަނެއް ދިނެވެ. އެއީ 20 އަހަރުވުމުން ލިބެމުން އައި ޕެންޝަން ނަގާނީތޯ ނުވަތަ އެކްރޫޑް ޕެންޝަނުގެ ގޮތުގައި ޖަމާކުރާނީތޯ؟ ޕެންޝަން ނަގަން ބޭނުންވާ މީހުން ލިބުނީ ޕެންޝަނުގެ ފައިސާއެވެ. ޕެންޝަން ފައިސާ ނުނަގާ މީހުންނަށް އެކްރޫޑް ޕެންޝަނުގެ ގޮތުގައި އެއްފަހަރާ ގަނޑުކޮށް ބޮޑު އަދަދެއް އެކައުންޓަށް ޖަމާކޮށްދިނެވެ. ޕެންޝަން ނަގަމުން އައި މީހުންގެ ޕެންޝަން އުނިކޮށްފައި އެކްރޫޑް ފައިސާ ޖަމާކޮށްނުދޭނަމަ އެތައް ބައެއްގެ ހައްގު ގެއްލި ގާނޫނުގައި ބުނާ ހަމަހަމަކަން ނެތިގެން ދިޔައީއެވެ.