މާލޭގެ އެކިއެކި ސަރަހައްދުތަކުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ ސިޓީގެ މަގުތައް ބަންދު ކުރުމުން ރައްޔިތުންނަށް އެންމެ ދަތިނުވާނެ ވަގުތު ހޯދުމަށް އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ޓްވީޓާގައި ޕޯލެއް ނަންގަވައިފިއެވެ.

ޓްވީޓާގައި މުޢިއްޒު ހުޅުއްވި ޕޯލްގައި ހަތަރު އިޚްތިޔާރެއް ދެއްވިއެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓް ދީފައިވަނީ ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށެވެ. ޕޯލްގައި ވޯޓްލީ މީހުންގެ ތެރެއިން 78 އިންސައްތަ މީހުން މި ވަގުތުގައި މަގުތައް ބަންދު ކުރަން ވޯޓް ދިނެވެ.

ހެނދުނު 6:00 އިން މެންދުރުފަހު 2:00 އަށް މަގުތައް ބަންދު ކުރަން ވޯޓް ދިނީ ނުވަ އިންސައްތަ މީހުނެވެ. މެންދުރު 12:00 އިން ރޭގަނޑު 8:00 އަށް މަގުތައް ބަންދު ކުރަން ވޯޓް ދިނީ ވެސް ނުވަ އިންސައްތަ މީހުނެވެ. ވޯޓްލީ މީހުންގެ ހަތަރު އިންސައްތަ މީހުން ވޯޓް ދިނީ ކޮންމެ ވަގުތެއް ވެސް އެންމެ ރަނގަޅު ކަމަށެވެ.

މިހާރު މާލޭ ސިޓީ ކައުންސިލުން މަގުތައް ބަންދު ކުރުމުގެ ހުއްދަ ދެނީ ދުވާލު އެވެ. އެހެންވެ ދުވާލު މާލޭގެ ބައެއް މަގުތަކުން ދަތުރު ނުކުރެވި ގިނަ ބަޔަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

އިންތިޚާބުގެ ކުރިން ވެސް މުޢިއްޒު ވިދާޅުވެފައިވަނީ އޭނާ މޭޔަރު ކަމުގެ ކަންކަން ކުރިއަށް ގެންދަވާނީ އޭރެއްގައި ހާލަތު އޮތް ގޮތަކުން، ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިޚާބު ވެފައިވަނީ ވޯޓް ލީ މީހުންގެ 60 އިންސައްތައަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގެންނެވެ. މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމްއަށް މާލެ ސިޓީގެ 13 ގޮނޑިއެއް ވަނީ ލިބިފައެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ. މާލެ ސިޓީގައި އެމްޑީޕީގެ ފަސް މެންބަރަކު އަދި ޖުމްހޫރީ ޕާޓީގެ މެންބަރަކު ވެސް އިންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިޖާމު

    އަހަރުމެން މުއިޒަށް ދިން އިތުބާރު މިހާރުވެސް ގެއްލެން ފެށީ.
    ކޮންސްޓްރަކްސަން ކުންފުނި ތަކުން ޓުވިޓާ ފުލަޑުކޮށްގެން ޕަސަންޓު ހޯދާނެކަން އެނގި ހުރެ ކުރިކަމެއް.

    1
    3
  2. ޢާލިމް

    ދަންވަރު މަގުތައް ބަންދު ކޮށްގެން މަސައްކަތްތައް ކުރަން ފެށީމާ ރައްޔިތުން ގެ ނިދި ހަމަ ނުވެގެން ރުޅި ގަދަ ވާން ފަށާނެ.

    1
    1
  3. ބާ ބާ

    ރޭގަނޑު ބަންދުކޮށްގެން ތ ކޮރަޮފުޝަނުގެ އަމަލުތައް ހިންގޭނީ