ދިވެހި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ އެމްޑީއޭގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ އާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން ފަށައިފިއެވެ.

އެ ދެ މީހުންގެ ނަމުގައި ފައިސާ ހޯދާފައި ވަނީ ފޭކް ވީޑިއޯތަކެއް މެދުވެރިކޮށެވެ. ފައިސާ ހޯދުމަށް ހިންގާފައިވާ ބައެއް މުއާމަލާތްތައް ގިނަ ބަޔަކު ހިމެނޭ ވިޔަފާރި ގްރޫޕްތަކަށް ރޭގެ ވަގުތެއްގައި ހިއްސާކޮށްފައިވެއެވެ. އެ ވީޑިއޯތަކުން ފެންނަ މެސެޖުތަކުގައި ވަނީ އެއިން ވީޑިއޯ އަކަށް "އަލީ" ޖެހުމަށް ފަހު ކޮމެންޓު ކޮށްގެން، ނުވަތަ އެ ޕްރޮމޯޝަނަލް އިވެންޓުގައި ބައިވެރިވުމުން ރުފިޔާ ދޭނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓް ކުރުމުން ރެޖިސްޓްރޭޝަނަށް ކަމަށް ބުނެ ފޮނުވާފައިވާ ލިންކެއް ވެސް އެ މެސެޖުތަކުން ފެނެއެވެ.

މީގެ އިތުރުން އެ މެސެޖުތަކުގައި ބުނާ ކަންކަން ފުރިހަމަ ކުރުމުން މީހާގެ އައިޑީކާޑާއި ބޭންކު ކާޑުގެ ފުރިހަމަ މައުލޫމާތު އެ މުއާމަލާތް ހިންގާ ފަރާތައް ލިބޭނެކަން ފާހަގަކޮށްލެވެއެވެ.

މިގޮތަށް މަޝްހޫރު މީހުން ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މިއަހަރު ވަނީ އާންމުވެފައެވެ.

އެގޮތުން މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އަހުމަދު މާޖިދުގެ ނަމުގައި ފައިސާ ހޯދަން ވެސް ބޮޑު ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފެބްރުއަރި މަހު ކުރީކޮޅު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފެންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މާޖިދު ލަވަކިޔާ މަންޒަރު ކަމަށް ވާއިރު އެއީ ފޭސްބުކް މެދުވެރިކޮށް ލަައިވްއެއް ގޮތަށް ގެނައި ވީޑިއޯއެކެވެ. ނަމަވެސް އެ ވީޑިއޯ އިން ފެނުނު މަންޒަރަކީ މާ ކުރިން މީރާ ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެވެ. އެ ވީޑިއޯ އާއެކު ހިއްސާ ކުރި މެސެޖުގައި ވަނީ އެ ވީޑިއޯއިން ފެންނަ ނަމްބަރު ދިމާ ކުރާ ފަރާތަކަށް 10،000 ޑޮލަރު ދޭނެ ކަމަށެވެ.

ހަމައެހެންމެ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ނަމުގައި ފައިސާ ހޯދުމަށް އޮޅުވާލައިގެން ހިންގި ހަރަކާތް ލައިވް ވީޑިއޯއެއްގެ ގޮތުގައި ފެނުނު ނަމަވެސް އެއީ އެފަދަ ވީޑިއޯއެއް ނޫނެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ޗެލެންޖެއް ގަބޫލުކޮށް، މީގެ ކުރިން އޭނާ އާންމު ކުރި ގުރުއާން ވީޑިއޯއެކެވެ.

މި ހުރިހާ ވީޑިއޯއެއްގައި ވެސް ދޭނެ ކަމަށް ބުނާ ފައިސާ ހޯދުމަށް ކޭޝްކާޑުގެ މައުލޫމާތު ހޯދަން އެދިފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ އަނެއްކާވެސް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެކެވެ. މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ.