ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގައި "ކޮރަޕްޝަންގެ ނަޖިސް ނޫން އެއްޗެއް" ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކޮރަޕްޝަނާއި ވައްކަމާ ގުޅުން ހުރި ބައެއް ޚަބަރުތަކުގެ ހެޑްލައިންތަކުގެ ސްކްރީންޝޮޓްތައް ހިއްސާ ކުރައްވައިފައެވެ. އަދި އެމްޑީޕީގައި ކޮރަޕްޝަންގެ ނަޖިސް ނޫން އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެތައް ވައްކަމެއްގެ ތުހުމަތާއެކު ވަޒީރުންނާއި މެމްބަރުން އެމްޑީޕީގައި އެބަތިއްބެވި ކަމަށެެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ބޮޑެތި ވައްކަންތައް ކުރާ އިރު، އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ، ޖަމީލް ވަނީ ފާޑު ވިދާޅުވެފައެވެ.

"ތިޔަ ޕާޓީގައި ކޮރަޕްޝަންގެ ނަޖިސް ނޫން އެއްޗެއް ނެތް، ކޮމިޝަންތައް ފުނި ޖެހި، ހުއްޓިފައި އޮތީ ތިހިސާބުން. ހަމަލަދުވެސް ނުގަނޭތޯ؟" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އެގޮތަށް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންނަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ފާސްކޮށްފައި ވަނިކޮށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ އިސްލާހު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ. އެ އިސްލާހުގައި ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރެވޭނެ މީހުންގެ ޝަރުތުތަކަށް ބަދަލު ގެންނަން ހުށަހަޅުއްވައިފައެެ.

އޭނާ ހުށަހެޅުއްވީ އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވެސް އެ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ކަނޑައެޅުމަށެވެ.

އެ އިސްލާޙު ރޭ ފާސްކުރުމާއެކު ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ކަންކަމަށް އަމަލުކުރަން ޖެހެއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ އިރު މި އިންތިހާބުގައި ދާއިރާތަކާއި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސާއި ނައިބު ރައީސުންނާ އެކު ޖުމްލަ 455 މެމްބަރުން ހޮވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބޮޑު ވަޒީރު

  އައްޗީ ޗީ! މީނަ އަނގަ ހާދަހާ ނަޖިހޭ ދޯ؟

  2
  1
 2. ޢަހޫ

  މޮޔަކަލޭގެ ވަދެގެންތިއުޅޭ ތަނުގަ އެއްމެގިނަ ނަޖިސްފައިސާ ހުރީ.

  1
  1
 3. ނުނނު

  ޖަމީލޫ ކަލޭ އަނގަހުޅުވާލިޔަސް ހާދަ ނަޖިސްވަސް ދުވަޔޭ.......