ވޮލެޓެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ ވޮލެޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484096އެވެ.

މިއީ ކޮންއިރަކު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަނީ މީހަކު ފިހާރައެއްގެ ކައުންޓަރުގައި ފައިސާ ދައްކަން ހުއްޓައެވެ. ނަމަވެސް އޭނާ ވޮލެޓެއް ވަގަށް ނެގީ އެފިހާރައިން ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާ ހޯދަން ވީޑިއޯ އާއްމު ކުރުމަށް ފަހު ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.