މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް ދިގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިނުމާ މެދު ވޯޓަށް އެހުމަށް މިއަދު ބޭއްވި ޖަލްސާގައި 53 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭ ގެތެރެއިން ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިނުމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަތަރު މެންބަރުންނެވެ.

ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް ކުރަން ސަރުކާރުން މިދިޔަ އަހަރު ފުރަތަމަ ހުށަހެޅީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުންނެވެ. މިއަދު މަޖިލީހުން ފާސްކުރި ހުށަހެޅުމާއެކު އަނެއްކާވެސް އެއް އަހަރަށް މި މާއްދާތައް ސަސްޕެންޑް ވާނެއެވެ.

މީގެ އަހަރު ދުވަސް ކުރިން މަޖިލީހުން ދީފައިވާ މުއްދަތު ހަމަވުމަށް ފަހު އިތުރު އަހަރު ދުވަހުގެ މުއްދަތަކަށް އެ ހުއްދަ ދަންމާލުމަށް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވީ ކުރިން ހުއްދަ ދިން މުއްދަތަަށް ފަހުގައި ވެސް ރާއްޖޭގެ އިގްތިޞާދު ރަނގަޅު ވެފައި ނުވާތީ ކަމަށް ވިދާޅުވެއެވެ.

މަޖިލީހަށް މިނިސްޓަރު އަމީރު ފޮނުއްވި ސިޓީގައި ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލު ނުކުރުމުގެ ހުއްދަ އަހަރު ދުވަހަށް ދިނުމުން މިދިޔަ އަހަރު ދައުލަތުގެ ހިންގުމަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ. ބަލިމަޑުކަމުގައި ކުރަން ޖެހުނު ސިއްހީ އިތުރު ޚަރަދުތައް ކުރެވި، ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކަށް އެހީވެވުނީ ވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މަރުކަޒީ ބޭންކް އިން 4.4 ބިލިއަން ރުފިޔާގެ އޯވްޑްރާފްޓު ކުރުމުގެ ސަބަބުން އިގްތިޞާދުގެ ގިނަ މިންގަނޑުތަކަށް ބަދަލު އައިސްފައިވެއެވެ. އޯވަޑްރާފްޓް ކުރުމަކީ ފައިސާ ޗާޕު ކުރުން ކަމަށް ބައެއް މާހިރުން ދެކެ އެވެ. މީގެ ސަބަބުން އިގްތިސޯދުގައި ފައިސާ ގިނަވެ އިންފްލޭޝަން މައްޗަށް އުފުލުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

މަޖިލީހުގައި ވެސް ބައެއް މެންބަރުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މި ކަމަށް ތާއީދު ކުރެއްވި ބައެއް މެންބަރުން ވެސް ވަނީ މިނިސްޓަރު އަމީރަށް ކުރިން ވެސް މި ހުއްދަ ދޫކޮށްގެން ކުރިއަށް ގެންދިޔައިރު ޚިޔާނާތްތައް އެތެރޭގައި ހިނގައިގެން ދައުލަތުގެ ޚަރަދުތައް ނުބެލެހެއްޓި ދިޔަ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ. އެކަމަކު އަލުން މުއްދަތު އިތުރު ކުރަން ފާސްކޮށްފައި މިވަނީ މިއިން ބައެއް މެންބަރުންގެ ވެސް ވޯޓާ އެކީގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Happy 123

    ތި އިބުރާއަަށް 15 މިލިޔަން ދޭންވެގެން..

  2. އަކްމެޑް

    ބޭންކު ލޯނަށް ލުއިގޮތެއް ހޯދަދެއްވާ

  3. ޖުމާ

    ކޮވިޑޭ ކިޔައިގެން ގައުމު ލޫޓުވާ މައިތުލްމާލު ބަނޑު އަޅަނީ.އިސް ސަފުގަތިބިމީހުން ފެނާ ނުލާ ގައުމުގެ ރުފިޔާ ދިރުވަނީ.މިކަންތައް ބެލޭނެ މުއައްސަސާއެއްނެތް.ވެރިކަމުގަ ބަގުނޑި ބައދައިގެން ތިބެ ހުރިހާ ބާރަކާއި އާރެއް މުށުތެރެއަށްލައިގެން ތިބެ ވަށްކަން ކުރަނީ.

  4. ކެތި

    އެންއަހަރުވަންދެން ހަމަޗާޕްކުރަންވީ އަނެއްކޮޅުންކެވޭވަރަކަށްކާންވީ
    ހާރަށްވެސްކާންވީ..