ހުޅުމާލޭގައި ހުންނަ އެސްޓީއޯ، ސަރުކާރު ފިހާރައިގެ ކާޑު ގުދަނެއްގައި ކާޑު ބަސްތާތަކެއް ފުރޮޅާލި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ އޮޕަޜޭޝަނެއް ކޮށްފި އެވެ.

ކާޑު ބަސްތާތަކެއް ގައި މައްޗަށް ފުރޮޅާލައި އެސްޓީއޯގެ މުވައްޒަފުން ތަކަކަށް އަނިޔާވެފއި ވަނީ މި ހިނގާ އެޕްރިލް މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

އެސްޓީއޯ އިން ވަނީ އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމަށް ވިދާޅުވެފައެވެ. އަނިޔާވި ތިން މީހުންނަކީ ވެސް ބިދޭސީ ލޭބަރުންނެވެ.

އަނިޔާވި މީހުންނަށް ފުރަތަކަ ފަރުވާ ދީފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެސްޓީއޯގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާ އައިޖީއެމްއެޗަށް ބަދަލުކުރުމަށް ފަހު އައިޖީއެމްއެޗްގައި އޭނާގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ރޭ ދަންވަރުގެ ވަގުތެއްގައި ސަރޖަރީ ކުރީ. އަނެއް ދެ މީހުން ދޫކޮށްލައިފި. 48 ގަޑި އިރު އޮބްޒަވޭޝަން އަށް އައިސީޔޫގައި ބާއްވާފައިވީ" އޭނާ ވިދާޅުވިއެވެ.

އަނިޔާވި އެކަކުގެ އޮޕަރޭޝަނެއް ހެދި ނަމަވެސް އެ އޮޕަރޭޝަންގެ ތަފްސީލެއް އެސްޓީއޯއިން ހާމަކޮށްފައެއް ނުވެއެވެ. އޮޕަރޭޝަން ކުރި މީހާގެ ހާލަތު ރަނގަޅު ކަމަށް ވެސް އެސްޓީއޯ އިން ވިދާޅުވެއެވެ.

އެ މީހުންނަށް ލިބިފައި ހުރީ ކޮން ކަހަަލަ އަނިޔާތަކެއް ކަން މިހާތަަށް އައި އިރު ކަމާއި ބެހޭ ފަރާތްތަކުން ސާފުކޮށްދީފައެއް ނުވެއެވެ.

އެސްޓީއޯގެ އޮފިޝަލް ވަނީ އެ މީހުންގެ ހާލު ބެލުމަށް އެސްޓީއޯ ގުދަންތަކުގެ ވެރިޔާ އާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވެސް ހޮސްޕިޓަލަށް ވަޑައިގެންނެވިކަން މީގެ ކުރިން ވެސް ހާމަކުރައްވާފައެވެ.