އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކުގައި ނުތިބެވޭ ގޮތަށް ފިޔަވަޅުތައް ހަރުކަށިކޮށްފިއެވެ.

އިންޑިއާގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ގިނަވެފައެވެ. އެގޮތުން ވޭތުވެދިޔަ އިއްޔެ އެކަނި ވެސް އެ ގައުމުން ކޮވިޑް-19 އަށް 349,313 މީހުން ކޮވިޑަށް ފައްސިވެ، 2,761 މީހަކު ވަނީ މަރުވެފައެވެ. އޭގެ ކުރީ ދުވަހު 345,147 މީހަކު ކޮވިޑަށް ފައްސިވެ 2,621 މީހުން ވަނީ މަރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ އަދަދުތަކަކީ ދުނިޔޭގެ ވެސް ރިކޯޑެކެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ތޮއްޖެހިފައި ވާއިރު އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު ވަނީ އޮކްސިޖަން ވެސް ހުސްވެފައެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު އަދިވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

އިންޑިއާގެ ހާލަތު ނުރައްކާތެރި ފައްތަރެއްގައި ވަނިކޮށް، އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ގައުމުން ރާއްޖެ އަންނަ މީހުންނަށް ހަރުކަށި އުސޫލެއް ވަނީ ހަދައިފައެވެ. އޭގެ ތެރޭގައި އިންޑިއާ އިން އަންނަ ފަތުރުވެރިން ވެސް މި އުސޫލަށް އަމަލު ކުރަން ޖެހޭނެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަލްބިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމުގައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ފަތުރުވެރިންގެ އަންނަ މީހުން ފިޔަވައި، އިންޑިއާއިން އަންނަ އެހެން މީހުން ގޭގައި ކަރަންޓީނުވުމަށް އަންގައިފައެވެ. ކޮވިޑު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން އަންނަ ހުރިހާ މީހުން 96 ގަޑިއިރު ނުވާ ނައްސި ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަންޖެހޭ ގޮތަށް ވެސް ވަނީ ހަދައިފައެވެ. އޭގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭނެއެވެ.

ކޮވިޑު ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއެކު ކުރިން އޮތް ގޮތަށް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެއެވެ. މިފަދަ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނައްސިވުމުންނެވެ.

އެންގުމުގައިވާ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅެއް އަޅާފައިވަނީ އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން (މީގެތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭ ގޮތަށް) ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް (މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި) ޗެކިން ވުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ. ނަމަވެސް މިފަދަ ތަންތަނުގައި މިހާރު ޗެކިންވެފައި ތިބި އިންޑިއާ އިން ދަތުރުކޮށްފައިވާ ފަތުރުވެރިންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެންގުމުގައިވެއެވެ.

އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓުތަކަށް ދިއުމަށް ވެސް އެއްވެސް ހުރަހެއް ނެތެވެ. ހަމައެކަނި ބޭނުން ވާނީ 96 ގަޑިއިރު ނުވާ ނައްސި ޕީސީއާރު ޓެސްޓްގެ ނަތީޖާއެވެ. އިންޑިއާއިން އަންނަ ފަތުރުވެރިން ރާއްޖޭން ފުރުމުގެ ކުރިން ޑިޕާޗާ ޕީސީއާރު ޓެސްޓެއް ވެސް ހަދަން ޖެހޭނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާރު އަންނަނީ އިންޑިއާ އިންނެވެ. އެކަމަކު، ފަހަކަށް އައިސް އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މާޗް މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް 800 އަށް ވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެކަމަކު، މި މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އިންޑިއާ އިން ރާއްޖެ އަށް އަންނަނީ 600 އަށް ވުރެ ގިނަ ފަތުރުވެރިންނެވެ.

އިންޑިއާގެ ފަތުރުވެރިންގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ރާއްޖެ އަންނަ މިންވަރު މިފަހުން ވަނީ ގިނަވެފައެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިން ރާއްޖެ އައިސް، މީސް މީޑިއާގައި އާންމު ކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ އިތުރު ފަތުރުވެރިން އެ ގައުމުން ރާއްޖެ އަންނަން މެދުވެރިވާ އެއް ސަބެބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހަންމާ

    މިވެރިން ރޮއި ހޭރިގަތީމަ ނޫނީ އެއްވެސް ކަމެއް ކުރާކަށް ނޭގޭތަ؟އަޖައިބު ވެއްޖެ.

    19
  2. ޙހހ

    މިހަަރުވެސް ލަސްވެއްޖެ މިނިންމުން ނިންމަން. އިންޑިއާ ފަތުރުވެރިން ރަށްރަށަށް ކޮވިޑް ބަހައިފި.

    19
  3. ސާބިއާ

    ކޮބާ އިންސާފް ބަލަ އެހެެން ގައުމުތަކުގެ ޓޫރިސްޓުން ވެސް އެބަހުރި ކޮވިޑް ބައްޔައް ޕޮޒިޓިވް ވެފައިވާާ އިންޑިޔާ ވީމާދޯ މައްސަލަ އަކައްވި ހައިރާންވެއްޖެ

    1
    21
  4. ދިވެހި ތަކުލީފް

    ރިސޯޓް ތަކުގަވެސް އުޅެނީ ދިވެހިންނޭ އެތަންތަނަށްވެސް އިންޑިޔާމީހުން އައުން މަނާކުރަން އެބަޖެހޭ މިހާރުވެސް އަންނަ ގިނަ އިންޑިޔާމީހުން ފުރަންވީމަ ހަދާ ޓެސްޓުތައް ދަނީ ޕޮސިޓިވްވަމުން ދެން ކޮންޓެކްވެފަތިބޭ ރިސޯޓު ސްޓަފުން މިޖެހެނީ ހުރިހާ ތަކުލީފެއް އުފުލަން. އެތައް ދުވަހެއް ރިސޯޓުގަ ހުރެފަ ރަށަށް ޗުއްޓީއަށް ދާންވެފަ ހުއްޓާ އިންޑިޔާ މީހަކާ ކޮންޓެކްޓް ވިމަ މި ޖެހެނީ ޗުއްޓީ ކެންސަލްކޮށްފަ ކަރަންޓީނަށް ދާން. މީކިހާބޮޑު ތަކުލީފެއްތޯ. އަނެއްކޮޅުން ރިސޯޓުންދޭ އިތުރުގަޑި ރުފިޔާ ކަނޑާލާފަ ރިސްކް އެލަވެންސެއް ނުދީ ހާދަހާލެއްގައެއޭ ރިސޯޓު މުވައްޒަފުން މިއުޅެނީ.

    17
  5. ސިޑް

    ޕީސީއާރް ޓެސްޓު އިންޑިއާއިންް ހެއްދޭނެ 100 ރުޕީސް ދިނީމަ. ތި ހުރިހާ ޓެސްޓެއް ހަދާގެން އަންނާނީ އެކަމަކު ފޭކު

  6. ގައުމީ ލޯބި

    އެގައުމުން މީހުން އައުން ހުއްޓުވަން ވީމަ، އަދިވެސް ފިޔަވަޅޭ އުޅަބޮއްޓޭ އެބަކިޔާ..

    ރާއްޖެއަށް މިއުޓަން ކޮވިޑް ވައްދަންވެގެން ދޯ ތިރާވަނީ.. އެހެންވެ އިންޑިޔާމީހުން އައުން ނުހުއްޓުވަނީ..

    މީ މެނޭޖެް ކުރަން ނޭގުނަސް ބޮޑުވަރު.. ހެލްތް މިނިސްޓަރަކަށް ގެނައީ ތަނެއްގައި ހުރި ހާފް ޑެޑް މޭން އެއްވިއްޔާ..

  7. ނަފްސް

    މި އިނޑިއާމީހުން މުޅި ހުރިހާތާކަށް ދުވޭ އެކަމަކު ކަރަނޓީން، މީ ކިހިނެއް ކަރަންޓީން ކުރާބައެއް ؟ އެ މީހުން ތިބެންވާނީ ގެސްޓް ހައުސްތަކުގެ އެތެރޭގައި މުއްދަތު ހަމަ ވަންދެން.

  8. ކޮމެންޓު

    އެންމެން އެކައްޗެއް ކިޔާފަ ސޯޝަލްމީޑިޔާގަ އިހުތިޖާޖު ކުރަންވީ. އިންޑިޔާ ފަތުރުވެރިންގެނައުން ވަގުތީގޮތުން ހުއްޓާލަން. އެޗްޕީއޭ ތިބޭނީ ކުޅިބަލަން ގޯހުންގޯހަށް ދާއިރުވެސް. އެންމެފަހުން ހުރިހ ކަމެއް ޖަހާނީ ރައްޔިތު މީހާ ބޮލައް. އޭނާ ނުބަލާ އުޅުނީމަ 😒