އީދަށް ބޭނުންވާ މުދާ ހިފައިގެން މާލެއިން ފުރައިގެން ދ.މީދޫއަށް ދަތުރުކުރި "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދަޅުވީ މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް މި އޮޑި އެރިކަމުގެ މަޢުލޫމާތު ރޭ ފަތިހު 04:15 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

މި ދޯނީ ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދާތީ ދޯނީގައި މިވަގުތު ހުރި މުދާ ހުސްކުރުމަށްޓަކައި ދޯނީގެ ވެރިފަރާތުން ހަމަޖެއްސެވި އިތުރު ދޯންޏެއް މިހާރުވަނީ ގެލެކްސީ ދޯނި އޮތް ސަރަޙައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި އިރު ދޯނީގައި 6 މީހުން ތިއްބެވެ. އޭގެ ތެރޭގައި 2 ދިވެހިންނާއި 4 ބިދޭސީން ހިމެނޭއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.