ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެކޯޕަރޭޝަންގެ އަވަސްޕޭ އޮންލައިން ޕޭމަންޓް ވެބްސައިޓް އަޕްގްރޭޑްކޮށް އަލުން ތައާރަފް ކޮށްފިއެވެ.

ވެންކޯއިން ބުނީ އަލަށް ފަރުވާ ކުރެވިފައިވާ ވެބްސައިޓް އަކީ މޯބައިލް ފޯނުތަކުން ވެސް ކުރިއަށްވުރެ ފަސޭހައިން ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމަށާއި ޕޯޓަލް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އިސްލާމިކް ބޭންކުގެ ކާޑުތައް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިާމު ހަމަ ޖައްސާފައިވާ ކަމަށެވެ.

އާ ވެބްސައިޓްގެ އެހީގައި ކުރިން ދައްކާފައި ހުރި ބިލްތަކުގެ ތަފްސީލުގެ އިތުރުން ނުދެއްކި ހުރި ބިލްތަކުގެ މައުލޫމާތު ފަސޭހަކަމާއި އެކު ބަލާލެވޭނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން، ސަނާޔާ ޝިމްރީ ވިދާޅުވީ، ވެމްކޯގެ އަވަސްޕޭ ހިދުމަތަކީ އެ ކޯޕަރޭންގެ ގިނަ އަދަދެއްގެ ކަސްޓަމަރުން މަހުފީ ދެއްކުމަށް ބޭނުން ކުރާ ޕޯޓަލް އެއް ކަމަށާއި އަލަށް ތައާރަފް ކުރެވިގެން ދިޔަ ވެބްސައިޓްގެ އެހީގައި ކުރިއަށްވުރެ ފަސޭހައިން ކަސްޓަމަރުންގެ ބިލުގެ ތަފްސީލް އަދި މުއާމަލާތްތައް ބަލާލެވޭނެ ކަމަށެވެ.

"މިއީ މިކޯޕަރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފް ކުރެވޭ ހިދުމަތެއް. އަދި މި ކޯޕަރޭޝަންގެ އޮފީހަކަށް ނުދުރުވެ، ގޭގައި ހުރެ ރައްކާތެރިކަމާއި އެކު ބިލް ދައްކާލުމަށް އިތުރު ލުއި ފަސޭހަތަކެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ" ސަނާޔާ ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ، އަލަށް ފަރުވާ ކުރެވިފައިވާ ވެބްސައިޓް މިއަދުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށެވެ.