ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުނަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީގެ އަސާސީ ޤަވާއިދަށް ގެނެސްފައިވާ އިސްލާހަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރި އެ ބަދަލާ ގުޅޭ ގޮތުން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ޚިއްސާ ކުރައްވަމުން އަލްހާން ލިޔުއްވާފައިވަނީ ކުށެއް ސާބިތުނުވާ މީހަކީ ކުށްވެރިއެއް ކަމަށް ބަލައިގެން އެއްވެސް އަސާސީ ޙައްޤެއް ނިގުޅައިގަތުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.

"ކުށެއްގެ ތުހުމަތަކީ ކުށްވެރިވުމެއް ނޫން،" ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޓްވީޓާ އެކައުންޓް ޓެގް ކުރައްވައި އަލްހާން ކުރެއްވި ޓްވީޓްގައިވެއެވެ.

ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރައްވާފައިވާ އަލްހާން ގެންދަވަނީ ޕާޓީތަކުގެ މިފަދަ ނިންމުންތަކަށް ފާޑުވިދާޅުވަމުންނެވެ. ދާދި ފަހުން އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައިގެން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންފައެވެ.

ރައީސް ޞާލިޙްއާއި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެ އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ.

މީގެ އިތުރުން މަރުތައް ތަހުޤީޤު ކުރުމަށް ރައީސް ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި، ކުރީގެ ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ތަހުޤީޤު ކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ފިޔަވަޅެއް އެޅުމަށް ނުވަތަ ކުށުގެ ތުހުމަތު ކޮށްފައިވާ ފަރާތަކަށް ވެސް އެމްޑީޕީގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހުށަހެޅުއްވިއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރު ދުވަހު ހުންނަން ޖެހުން ވެސް ލާޒިމް ކުރާ ގޮތަށް ބޮންޑެ ހުށަހެޅުއްވި ހުށަހެޅުއްވުންތައް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވެއެވެ. މީގެ ސަބަބުން ވާދަކުރަން ނިންމި ގިނަ ބަޔަކަށް ފުރުސަތު ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާލުފޮޅި

    މަވެސް މިހުރީ ހަމަ އަޖާއިބު އަންތަރީސްވެފަ.. ހުރިހާ ނުބައި ކުރާ، ކުރަން ހިތަވަރުދޭ ކުށްކުރުމުގެ ނަމޫނާ ބަޔަކު މިދައްކާ ވާހަކަޔަކުން ލަދުން ބޯހަލާކު..

    5
    1
  2. ގޫ ބެރާ

    މީނަ އާއި ކޮން ބެހޭ ކަމެއް؟

    3
    1
  3. ލޮލް

    މި އަލްހާނަކީ ދެއުޅިއެއްނުވާ މީހެއްތަ؟ މީނާއަށް ހެޔޮ އެއްގޮތެއްވެސް ނޯވޭދޯ؟

    5
    1
  4. ޝަޒޫ ބިބީ

    އަލްހާން ދެ ލޯ ބޮޑުކޮށްގެން ރަތް ވެފަ އިން ފޮޓޯ އެއް އިނީމަ ގަބޫލު ކުރެވޭ ތީ ގަމާރެއްކަން

    2
    1
  5. ކަނީރު

    ސިޔާސީ މައިދާނުގައި ވަރަށް ނާކާމިޔާބު..މުޅިންވެސް ކޮޅުކެހި..އެއްވެސް ސިޔަސީޕާޓީ އަކުންތިބޭފުޅާ ގަބޫލެއް ނުކުރާނެ... މަސްކަތް ކޮއްގެން ކޮންމެސް ދާއިރާއަކުން މަޖުލީހަށް އާދެވޭތޯ މަސައްކަތް ފައްޓަވާ..