ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 123 އަށް އަރައިފިއެވެ. މީގެތެރެއިން ފަސް މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ މި ވަގުތު ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 115 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމުން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. މާލޭ ސަރަހައްދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައި ހުރީ 260 ވަރަކަށް އެނދު ކަމަށް އެޗްއީއޯސީ އިން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކައެވެ.

އަތޮޅުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ދާދިފަހުން އަތޮޅުތަކުން ފައްސިވި ގިނަ މީހުން ވެސް އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

އެޑްމިޓް ކުރާނެ ޖާގަ ހޮސްޕިޓަލްގައި ހުރި ނަމަވެސް އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވުމުން އެންމެ ބޮޑެތި ދަތިތައް ކުރިމަތިވަނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ އަދަދަށް ނަރުހުންނާއި ޑޮކްޓަރުން ނެތުމުންނެވެ.

މީގެ ކުރިން ވެސް އެޗްއޯސީއަށް ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ވިދާޅުވެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ގިނަ ބަޔަކު މަރުވާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ބަލި މީހުންނަށް ފަރުވާ ނުދެވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެކްސިންނުޖަހާދިވެހިޒުވާނެއް

    ވެކްސިން ޖަހަން ބޭނުންވާ އެތައްބަޔަކަށް ފުރަތަމަ ޑޯޒް ޖަހަން ހަދަންވީ ގޮތެއް ނޭނގެ

  2. ގެރި

    އެބަ ރަނގަޅުވެއެއްނު.. ކަލޭމެން ދޮގުހަދައިގެން ގަދަކަމުން ވެކްސިން ޖަހުވާފަ ލުއިނުދޭތީވެސް ވާނެ ތިކަަހަކަަލަ ކަންކަން. ދޮގުހަދާ ބައެއް އެޗްޕީއޭމީ..