ލ.އަތޮޅު މާންދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ އުފެދިފައިވާ އިހަލުން (ކްލަސްޓާއިން) ކޮވިޑަށް އިތުރު ފަސް މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު 54 އަށް އަރައިފިއެވެ.

މާންދޫ އިހަލުން ކޮވިޑަށް ފައްސިވެފައި ވަނީ މާންދޫގައި މަސައްކަތް ކުރާ ބައެއް މީހުންނާއި އެމީހުންނާއި ގުޅުން ހުރި ގަމުގައި ދިރިއުޅޭ މީހުންނެވެ. މިހާތަނަށް މިއިހަލުގައި ނުހިމެނޭ މީހަކު ލ.އަތޮޅުން ފައްސިވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި 256 ސުންކު ނަގާފައި ވާއިރު އަދި މިހާތަނަށް ނަތީޖާ ނުލިބޭ 128 ސުންކު އެބައޮތެވެ.

މާންދޫ ކޮވިޑަށް ބަޔަކު ފައްސިވީ ހޮނިހިރު ދުވަހު އެވެ. އެއިހަލުގައި ހިމެނޭ ބަޔަކު އެދުވަހު ގަމުން ވެސް ފައްސިވިއެވެ.

ލ.އަތޮޅުގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ގަމާއި، ފޮނަދޫ އަދި މާންދޫ ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ގަމު ކައުންސިލުން ރޭ ވިދާޅުވީ އެރަށުގެ 79 ގެއަކާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް މޮނިޓަރިންގެ ހާލަތުގައި އެބަހުރި ކަމަށެވެ.

ގަމުން ބަޔަކު ކޮވިޑަށް ފައްސިވިއިރު އެރަށުގައި ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ދިޔައެވެ. މުބާރާތުގައި ކުޅުނު ބައެއް ޓީމްތަކުގެ ކުޅުންތެރިން އެކަހެރިވާން ވެސް މިހާރު ރަށު ކައުންސިލުން ވަނީ އަންގާފައެވެ.

ގަމާއި ފޮނަދޫގެ ފުރަބަންދު ކުރުމާއި ގުޅިގެން، އަތޮޅުގެ އެކި ރަށްރަށަށް ކާބޯތަކެއްޗާއި ޒަރޫރީ މުދާ އުފުލުން ދަތިވެފައިވާތީވެ މިއަދުން ފެށިގެން މިހާރުވެސް ދަތުރުކުރާ ތާވަލާއި އެއްގޮތަށް ކާގޯފެރީ އޮންނާނެ ކަމަށް އެމްޓީސީ އިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ގަން ފުރަބަންދު ކޮށްފައި އޮތް ނަމަވެސް ބޭސް ފަރުވާއަށް އެރަށަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލާއި ގުޅުއްވައިގެން ރަށު ކައުންސިލްގެ ހުއްދަ އާއިއެކު ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު