ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށުން އެންމެ ފަހުން މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ރަށުން ބަޔަކު ކޮވިޑަށް ފައްސިވެފައިވާތީ، އިތުރު ބައެއްގެ ސުންކު ނެގުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފަށަނީ ރަށު ތެރެއިން ސުންކު ނެގުމުގެ މަސައްކަތް،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިންމަފުށިން ނެގި ހުރިހާ ސުންކެއްގެ ނަތީޖާތައް މިހާރު ވަނީ ލިބިފައެވެ.

އެ ރަށުން މި ފަހުން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މިދިޔަ ހޯމަ ދުވަހު މާލެ ގޮސް ޓެސްޓް ހެދުމުންނެވެ. ޖަލު އޮފިސަރު ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ ދުވަހުގެ ރޭ ހިންމަފުއްޓަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިއެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުން އޭނާއާ އިތުރު ބަޔަކު ބައްދަލުވެފައި ހުރި ކަން ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި ގިނައީ ވެސް އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނެވެ. އެގޮތުން ބައެއް އޮފިސަރުން ކޮވިޑަށް ފައްސިވި އިރު، ޖަލުގައި ކޭޓަރިން މަސައްކަތުގައި އުޅޭ ބަޔަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ހިންމަފުށީގައި ކަރަންޓީންގައި ނެތް ބަޔަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ ރަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. މިދިޔަ ހޯމަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި އެންގުމެއްގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އައި ބަޔަކު ކޮވިޑަށް ފައްސިވެ މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ރަށަށް އަރައި ފޭބުން މަނާ ކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހސޔުޖދސއެ4ތަ

    ހިންމަފުށީމިހުން ތިވާހަކަނުދައްކާ. ކަތަންޓިންގަ ނެތްމީހެޭ ތިހެން ބުނެވޭނެތާ. މާލެއައިސް ކަރަންޓީން ނުވަނޔާ.. ހިނަމަފުށީ ފެރީތަކުގައި ހަމަބަރާބަރަށް މާލެއާދޭ އެރަށުމީހުން. ދެންރަށައްގޮސް ކަރަންތީންނުވުމަކީ ވެސް ސަރިކާރުމައްސަލައެކޭދޯބުނާނި. ހިނަމ،ފުށީ ކައުންސިލައްވެސް މިކަން އެގޭނެ.