ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ އިރު، ބައެއް މައްސަލަތަކުގައި ދައުވާ ނުކުރާތީ ނޫނީ ދައުވާ ކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރުގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން ރޭޕް ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރުވަމުންދާ ކަމަށެވެ.

މިކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ނަމާންކަން އިތުރުވެ މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްފައިވާ ކަމަށް ގަރާރުގައިވެއެވެ.

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިފަދަ ގަރާރެއް އާދަމް ޝަރީފް ހުށަހެޅުއްވިއިރު، ރޭޕްގެ ތުހުމަތު ކުރެވުނު ބައެއް ފަރާތްތައް ތަހުގީގަށް ކުރު މުއްދަތަކަށް ބަންދު ކޮށްފައިވާތީ ގިނަ ބަޔެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ތަހުގީގަށް ހައްޔަރު ނުކުރުމުން ވެސް ފާޑުކިއުން އަމާޒުވިއެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް ބޭރަށް ފޮނުވާލުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެގެން އައެވެ.