ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް އއ. މަތިވެރިން އިތުރު ތިން މީހަކު ފައްސިވެއްޖެ އެވެ.

އެރަށަކީ މިވަގުތު ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ރަށެވެ. މިގޮތުން މާލެ ސަރަޙައްދު ފިޔަވައި މިވަގުތު އެންމެ ބޮޑަށް މި ބަލި ފެތުރިފައި ވަނީ މަތިވެރީގައެވެ.

މަތިވެރީ ސިއްޙީ މަރުކަޒުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު އިތުރު ތިން މީހަކު ހިމެނޭހެން މަތިވެރިން މިހާތަނަށް ޖުމްލަ 134 މީހަކު ވަނީ ކޮވޮޑް-19 އަށް ފައްސިވެފައެވެ.

އެރަށުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 11 މީހުންނެވެ. އެހެންކަމުން މިވަގުތު މަތިވެރީގައި މި ބައްޔަށް ފަރުވާހޯދާ 123 މީހަކު އެބަތިއްބެވެ.

މަތިވެރީގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އެރަށުގައި ސުންކު ނެގުމުގެ މަސައްކަތް އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އެރަށުން ނެގި ސުންކުތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 92 ސުންކު ވާ ކަމަށް ރަށު ސިއްޙީ މަރުކަޒުން ބުނެއެވެ.

މަތިވެރީގައި ހިފެހެއްޓުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވާން ފެށީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން އެރަށުން ފައްސިވާ މީހުންގެ އަދަދުތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

މި ވޭދަނަތަކާއި ގުޅިގެން އެރަށް މިހާރު ވަނީ އަރައި ފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.