ފ. ނިލަންދޫ ކައިރި އަށް ފީނަން ފޭބި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ ނިލަންދޫ ކައިރިން ޑައިވިން އަށް ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެެން މިއަދު ތިނެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު ޕޮލިސް ލޯންޗެއްގައި އެމީހާ ނިލަންދޫ އަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް އެމީހާ މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނިލަންދޫ އިން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނި ގޮތުގައި އެ ދެ މީހުންނަކީ ވަރަށް ގިނަ އިން މަސް ހިފަން ގޮސް އުޅޭ ބައެކެވެ. އެހާދިސާ ހިނގާފައިވަނީ ނިލަންދޫ ކައިރީގައި އޮންނަ ތިން ވަން މުލި ކިޔާ ސަރަހައްދަކަށް މަސް ހިފަން ގޮސް އުޅެނިކޮށް ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގައި ހާލު ސީރިއަސްވެފައި ވަނީ އަހުމަދު ޝިފާޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާއާއެކު މަސް ހިފަން ދިޔައީ ޖަޒްލާން މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ. އެމީހުން މަސް ހިފަން އުޅުނީ މަސް ބޭނުންކުރާ ދަގަނޑެއް ބޭނުންކޮށްގެން 25 މީޓަރު އަޑިން ކަމަށްވެއެވެ.

ދަގަނޑު ތާށިވެގެން އެ ނަގަން ދިޔައީ ޝިފާޒް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ޝިފާޒު އަޑިއަށް ގޮސް މައްޗަށް ނޭރުމުން އޭނާ ސަލާމަތްކުރުމަށް ދިޔައީ ޖަޒްލީން މުހައްމަދު ކަމަށް ވެސް އެ ހާދިސާ ހިނގި ގޮތް ކިޔައިދިން މީހާ ބުންޏެވެ.

"ޝިފާޒްގެ ހަބަރު ހުސްވުމާ ގުޅިގެން ޖަޒްލާން ގޮސް އަޑިން ނެގީ. ނެގި އިރު ވެސް އޮތީ ހޭނެތިފައި،" އެމީހާ ކިޔައި ދިނެވެ.

ފުލުހުންނަށް އެ މައުލޫމާތު ލިބިގެން ދިޔައިރު، ޝިފާޒް އޮތީ މައްޗަށް ނަގައިފައެވެ.

"ޝިފާޒު ނަގާފައިވަނީ ހޭނެތިފައި އަޑީގައި އޮއްވައި ވަލެއް ޖަހައިގެން" އެމީހާ ބުންޏެވެ.

މި ހާދިސާގައި ޝިފާޒްގެ އިތުރުން ޖަޒްލާން އަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެކަމަކު، އޭނާގެ ހާލު ރަނގަޅެވެ.