ލ.ގަމުން ފުރަތަމަ ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) ބަޔަކު އައްޑުއަށް ހިނގައްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލ.ގަމު މުކުރިމަގު އަވަށުން ކޮވިޑް-19 އަށް ފައްސިވި ބަޔަކާއި ގާތުން އެއްތާވި ބަޔަކު އައްޑޫ ސިޓީއަށް ގޮސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެމީހުން އައްޑުއަށް ގޮސްފައި ވަނީ އައްޑޫގައި އޮންނަ ފުޓްސަލް މުބާރާތެއް ކުޅުމަށް ކަމަށް ވެއެވެ.

"ފުރަތަމަ މީހަކު ގަމުން ކޮވިޑަށް ފައްސިވީ އެރޭ މެންދަމު. އޭގެ ގަޑިއިރުތަކެއް ފަހުން އަނެއް ދުވަހު ހެނދުނު އެމީހުން އައްޑުއަށް ދިޔައީ." ވަގުތަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މައުލޫމާތު ދިން އިތުރު މީހަކު ބުނީ ގަމުން ފައްސިވި މީހުންނާއި ގާތުން އެއްތާވި އެއްކުޅުންތެރިޔަކާއި އިތުރު ތިން ކުޅުންތެރިން އައްޑުއަށް ގޮސްފައިވާ ކަމަށެވެ.

ކުޅުންތެރިޔާ ގަމުގައި ހުރި ގެއިން މިހާތަނަށް ފަސް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ގަމުން ފައްސިވި މީހުންނާއި ގާތުން އެއްތާވި ބަޔަކު ފުރައިގެން ގޮސްފައިވާކަން ގަމު ކައުންސިލުން ވެސް ކަށަވަރު ކޮށްދިނެވެ. ގަމު ކައުންސިލުން ވިދާޅުވީ އެމައުލޫމާތު ވަނީ މިހާރު ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައެވެ.

ކުޅުންތެރިންތައް ފުރައިގެން ދިޔައިރު ގަމާއި ފޮނަދުއަށް އަރައި ފޭބުން ރަށު ކައުންސިލުން އޮތީ މަނާ ވެސް ކޮށްފައެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށުމީހާ

    އަށްޑުއަތް ފުޓުބޯޅަކުޅެންދިޔަ މީހުންގެތެރެއިން މީހަކުޕޮޒިޓިވްވި ވާހަކައަށުއެހިންް އެކަމު ކައުންސިލުންވެސް އަދިބަހެނުބުނޭ

  2. އަލީ

    ހޭބަލިވެފަ އޮތް ސަރުކާރެއްވީމަ ފުރަތަމަ ފަހަރުވެސް އައްޑޫގަ ކޮވިޑް ފެތުރުނީ

    6
    1