ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅައިލާ 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި އެޕްރީލް 25 ވަނަ ދުވަހު 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އާރްޑީސީގެ ހެޑް އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދު ތެރޭގައެވެ. އާރްޑީސީން ބުނެފައިވަނީ ލަފާ ކުރެވެނީ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެތަން ފަޅާލާފައިވާ ކަމަށެވެ.

އާރުޑީސީ އިން ބުނީ ވަގަށް ނަގާފައިވާ ފައިސާތަކަށް ބަލާއިރު، ތިޖޫރީގައި ހުރި 118،986 (އެއްލައްކަ އަށާރަ ހާސް ނުވަސަތޭކަ އަށްޑިހަ ހައެއް) ރުފިޔާއާއި ޕެޓީ ކޭޝްގެ ގޮތުގައި އެކި މުއައްޒަފުންގެ ހަވާލުގައި ހުރި 10،737 (ދިހަހާސް ހަތްސަތޭކަ ތިރީސް ހަތް) ރުފިޔާއާއެކު ޖުމްލަ 129،723 (އެއްލައްކަ ނަވާވީސްހާސް ހަތްސަތޭކަތޭވީސް) ރުފިޔާ ކުންފުނީގެ ފައިސާގެ ތެރެއިން ވަގަށް ނަގާފައި ވާކަމަށް މިހާތަކަނަކަށް ބެލިބެލުންތަކުން ފާހަގަ ކުރެވޭ ކަމަށެވެ.

ކުންފުނީގެ ފައިސާގެ އިތުރުން ބައެއް މުއައްޒަފުންގެ އަމިއްލަ ފައިސާއާއި، އެކްސްޓާނަލް ހާޑު، އަތުކުރި ގަޑި، އަވިއައިނު، ހެޑްސެޓް، ޕެންޑްރައިވް އަދި ސެންޓްފަދަ އަގުބޮޑެތި ތަކެތި ވަގަށް ނަގައިފާ ވާކަމަށް އާރުޑީސީއިން ބުނެފައިވެއެވެ. އޮފީހުގައި ބޭނުންކުރާ އައިޕެޑް ފަދަ ތަކެތި ހުރި ތަންތަނުން ނަގައިގެން ގެންގޮސް އެއްތާކަށް ޖަމާކޮށްފައި ހުރި ނަމަވެސް އެތަކެއްޗަށް ގެއްލުމެއް ލިބިފައިވާކަމަށް އަދި ފާހަގަކުރެވިފައެއް ނުވާކަމަށް އާރުޑީސީން ބުނެއެވެ.

ބޮޑަށް ބެލެވެނީ ވަގަށް ގެންދިއުމަށްޓަކައި ތައްޔާރުކުމަށްފަހު ހަނދާންނެތިގެން ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ އެތަކެތި ބަހައްޓާފައި ދިޔައީކަމަށްވެސް އާރުޑީސީއިން ބުނެފައިވެއެވެ.

އޮފީހުގެ މައި ތިޖޫރީ ހަލާކުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށް ވަރަށް ބޮޑެތި ގެއްލުން ދީފައިހުރި ނަމަވެސް އެ ތިޖޫރީ ވަގުންނަށް ހުޅުވިފައެއް ނުވެއެވެ. އޮފީހުގެ އެކި ދޮރުތަކާއި ތަޅުތައް ހަލާކުކޮށްފައިވުމުގެ އިތުރަށް މުވައްޒަފުންގެ ކަބަޑުތަކުގެ ވަތްގަނޑުތަށް ހަލާކުކޮށް ބައެއް ނޯޓް ފޮތްތަކާއި ޕްލޭނާ ފަދަ ތަކެތި ވަގަށް ނަގާފައިވެއެވެ.

އަދި ކުންފުނީގެ ބައެއް ލިޔެކިއުންތަކާއި ފައިލްތަކަށާއި، ސްޓޭޝަނަރީޒްތަކަށް ވެސް ގެއްލުންދީފައިވާއިރު، އެކަމުގެ ތަފްސީލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންކަމަށް އާރުޑީސީއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    ވެންޓިލޭޓަރު ކާލި މީހުނަށް މަތީ މަގާމު.. ޒީރޯ ޓޮލަރެންސް އުތުރިއަރަނީ

  2. ދިވެހިސޮރު

    ތިޔަކު ނެތެއްނު އިތުރު ތަހުގީގެއް. ކަންކުރިމީހުން ތިޔޮތީ ކިޔައިދިފަ. އެތަ ސެކިއުރިޓީންވެސް ސެކިއުރިޓީ ކެމެރާ ގަނދެއްވެސް ނުހުރޭތަ؟ އެހެންކަމަށްވަނަމަ އެތަނުގެ ވެރިން ދޯ ތިޔަމަގު ފަހިކޮށްދެއްވީ؟

  3. ސުމާ

    ޔަގީން ރޭވުމެއް.