ލ. އަތޮޅު މާންދޫން އިތުރު 77 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މާންދޫން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައި ވަނީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހު އެވެ.

އެތަނުން ފުރަތަމަ ފެނުނީ އަށް ވޭދަނަ އެވެ. އޭގެ ފަހުން އެ އެރަށާއި ގުޅިފައި އޮންނަ ގަމުންވެސް ބަޔަކު ކޮވިޑަށް ފައްސިވި އެވެ.

މި ވޭދަނަތަކާއި ގުޅިގެން މިހާރު މާންދޫ، ފޮނަދޫ، ގަމަށް ވަނީ އަރާ ފޭބުން މަނާކޮށްފައެވެ.

މާންދޫ އިހަލުން ކޮވިޑަށް ފައްސިވެފައި ވަނީ މާންދޫގައި މަސައްކަތް ކުރާ ބައެއް މީހުންނާއި އެމީހުންނާއި ގުޅުން ހުރި ގަމުގައި ދިރިއުޅޭ މީހުންނެވެ.

މާންދޫ ހިމެނޭހެން މިއަދު ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ 386 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

މާލެ އިން މިއަދު 105 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 198 މީހުން އަދި ރިސޯޓްތަކުން މިއަދު ހަ މީހުން ފައްސިވިއެވެ.

މިހާރު ރާއްޖޭގައި 4009 މީހަަކަށް ކޮވިޑް ބަލީގައި ފަރުވާދެމުން އެބަ ދެއެވެ.

ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 28،588 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 24،499 މީހެކެވެ.