ބ. އަތޮޅު އޭދަފުށިން އިތުރު 30 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އޭދަފުށިން މިއަދު ފައްސިވި 30 މީހުންނާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 139 އަށް އަރާފައެވެ.

އޭދަފުށިން ފުރަތަމަ ދެމީހަކު ކޮވިޑަށް ފައްސިވީ މިދިޔަ ހަފްތާ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އެމީހުންނާއި ބައްދަލުވެފައިވާ ބައެއް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭދަފުށިން ފައްސިވި ވޭދަތަނާއި ގުޅިގެން އެރަށުން ގިނަ ސުންކުތަކެއް ވަނީ ނަގާފައެވެ.

އަަދި މިހާރުވެސް އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

އޭދަފުށި ހިމެނޭހެން މިއަދު ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ 386 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

މާލެ އިން މިއަދު 105 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 198 މީހުން އަދި ރިސޯޓްތަކުން މިއަދު ހަ މީހުން ފައްސިވިއެވެ.

މިހާރު ރާއްޖޭގައި 4009 މީހަަކަށް ކޮވިޑް ބަލީގައި ފަރުވާދެމުން އެބަ ދެއެވެ.

ރާއްޖެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 28،588 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 24،499 މީހެކެވެ.