ލ.ގަމުގެ ރެސްޓޯރެންޓްތަކާއި ސައި ހޮޓާތަކުން ކެފޭތަކުން ދެވޭނީ ހަމައެކަނިި ޓޭކްއަވޭ ހިދުމަތްކަމަށް އެރަށު ކައުންސިލުން އަންގައިފިއެވެ.

ގަމު ކައުންސިލުން ދެންމެ ބުނީ މިއަދުން ފެށިގެން ކައުންސިލުން އިތުރު ގޮތެއް އަންގަންދެން ގަމުގެ އެއްވެސް ސައި ހޮޓަލަކުން، ރެސްޓޯރެންޓަކުން އަދި ކެފޭ އަކުން ޑެލިވަރީ އަދި ޓޭކް އަވޭގެ ޚިދުމަތް ފިޔަވައި އިތުރު ޚިދުމަތެއް ދިނުމަކީ މަނާކަމެއް ކަމަށެވެ.

ގަމުގެ ރެސްޓޯރެންޓްތަކާއި ހޮޓާތަކުން ދެވޭނީ ހަމައެކަނިި ޓޭކްއަވޭ ހިދުމަތްކަމަށް ކައުންސިލުން އަންގާފައި މިވަނީ ގަމާއި ގުޅިފައި އޮތް މާންދޫން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނިކޮށެވެ. މާންދޫގައި އުފެދިފައިވާ ކޮވިޑް އިހަލުގައި ހިމެނޭ 15 މީހަކު މިހާތަނަށް ގަމުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ގަމުގެ ރެސްޓޯރެންޓްތަކާއި ހޮޓާތަކުން ދެވޭނީ ހަމައެކަނިި ޓޭކްއަވޭ ހިދުމަތްކަމަށް ކައުންސިލުން އެންގި ނަމަވެސް މާންދޫ އިހަލާއި ގުޅުން ނެތް މީހަކު އަދި ގަމުން ކޮވިޑަށް ފައްސިވިކަމެއް ކައުންސިލުން ވެސް އަދި ގަމު ރީޖަނަލް ހޮސްޕިޓަލުން ވެސް އިއުލާން ކޮށްފައެއް ނުވެއެވެ.

ގަމު ކައުންސިލުން ރޭ ބުނެފައިވާ ގޮތުގައި މާންދޫ ކޮވިޑް އިހަލާއި ގުޅިގެން މިހާރު 116 ގެއެއް މޮނިޓަރިންގެ ހާލަތުގައި އެބަހުރި ކަމަށެވެ.

މާންދޫ އިހަލުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރޭ ވަނީ 148 އަށް އަރާފައެވެ. އޭގެތެރެއިން 131 މީހަކު ފައްސިވެފައި ވަނީ މާންދޫންނެވެ. އަދި ފޮނަދޫން ވަނީ ދެމީހަކު ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު