ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރޭ ކުރިއަށް ގެންދިޔަ "ދޭތިން އެކައްޗަށް" މުޒާހަރާ އިން ހައްޔަރު ކުރި ނުވަ މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

މުޒާހަރާ އިން ހައްޔަރުކުރި ކޮންމެ މީހަކު ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރުމަށް ފަހު އެންމެން ވެސް ރޭ ވަނީ ދޫކޮށްލާފައެވެ.

ޕީޕީއެމްގެ މައި އޮފީސް ކައިރިން ޕާޓީގެ އިސްވެރިންނާ އެކު ސަޕޯޓަރުން ދެ ސަރަހައްދަކަށް އެއްވި އެވެ.

ޕީޕީއެމް އިން ރޭ މުޒާހަރަ އަށް ނިކުތީ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައިވާ އެދުމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވާތީއެވެ.

ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އާއިލާ އިން އެދުނީ ރަމަޟާން މަހުގެ ކުރިންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ކަރެކްޝަނަލް ސާވިސް އިންނާއި ހޯމް މިނިސްޓްރީން ވެސް މިހާތަނަށް ދައްކާފައެއް ނުވެއެވެ.

ރޭގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކައިރި ބަންދުކޮށްފައެވެ. އަދި މުލީއާގެ އާއި ރައީސް އޮފީސް ސަރަހައްދުގައި ވެސް ރޭ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެސަރަހައްދުގެ މަގުތައް ވެސް ކޮންމެވެސް ވަރަކަށް ބަންދުކުރިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު ވަނީ 508 ދުވަސް ވެއްޖެއެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަށެވެ.

ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ޑޮކްޓަރުން ލަފާދެއްވިއެވެ. އެލަފައާއި ގުޅިގެން ސަރުކާރުން ވަނީ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ދިއުމަށް އެދިފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހިސޮރު

    ކޮންމެސްވަރަކަށް ބަންދުކުރިއޭ.. ނޫސްވެރިޔަ ވަރަސް ބަލާފަ ތިއޮތި ލިޔެފަ

  2. ދަރަނި ދަންތުރަ

    ﷲ އިރާދަކުރެއްވިއްޔާ މިއަދު ރައީސް ޔާމީނަން ތިޔަދޭ އަނިޔާ ، ހަމަތިޔަގޮތަށް ސޯލިބޭ ގޯތި އިބުރާހީމަށް ވެސް ދޭނަން ، މިނޫން ދުވަހެއް އޮތްކަން އިބޫ ހަނދާންކުރާތި މިއީ ވަރަށް ވާހަކަ ....

    12
    2
  3. ބޮޑުބެ ބެ

    ކައިޒީން ހައްޔަރު ނުކުރޭތަ