ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ޓެކްސީތަކަށް ހުޅުލެ އަށް ނުވަދެވޭނެ ކަމަށް ފުލުުހުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ވޭދަނަތައް ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއާޕޯޓަށް ދާ ޓެކްސީތަކާއި އެހެނިހެން އުޅަނދުތަކަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައި ވަނީ ޓެކްސީތަކުގައި ޑްރައިވަރު ހުންނަޝީޓާ ފަސިންޖަރުން ތިބޭ ސީޓާ ދެމެދު ޕާޓިޝަނެއް ދަމަންވާނެ ކަމަށެވެ. އަދި ޑްރައިވަރުންނާއި ފަސިންޖަރުން ވެސް ތިބެންވާނީ މާސްކު އަޅައިގެން ކަމަށް އެ ގައިޑްލައިންގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ދަތުރުކުރާ އިރު ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަން ވާނީ ބިއްލޫރިގަނޑު ތިރިކޮށްފައި ކަމަށް ވެސް އެ ގައިޑްލައިންގައިވެއެވެ.

ހުޅުލެއަށް ދިއުމަށް ހުއްދަދެވޭނީ މިންގަނޑަށް ފެތޭ އުޅަނދުތަކަށް އެކަނި ކަމަށާއި މާލެއާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ އާއި އުޅަނދުތައް ހުރީ އެ މިންގަނޑުތަކަށް ފެތޭގޮތަށްތޯ ބެލުމަށް ޗެކް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން މާސްކް އެޅުމާއި ގައިދުރުކަމަށް ސަމާލުކަން ދިނުމަށް ވެސް ފުލުހުން އިލްތިމާސްކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހިސޮރު

    ކޮން ދިރާސާ އަކުންތަ ފެނުނީ ޓެކްސީ މީ އެންމެ ކޮވިޑް ފަތުރާ ވަޞީލަތްކަމަށް. ބަސްވެސް ޖެހޭނެ ޗެކުކުރަން އެވަސީލަތްހުރިތޯ

    7
    1
  2. ވެރިން

    މިންގަނޑަށް ނުފެތެންޔާ އެއްވެސް ތަނަކަށް ދެވިގެން ނުވާނެ،ވަކި ހުޅުލެ ހުޅުމާލެ އެކަންޔެއްނޫން،

  3. ޛޯ

    ބޮޑު ޖޯކެއް . ބަސްތައް އެދަނީ ފުރެބާރުވެގެން

  4. ބަރާބަރު

    މާ ލަސްވެސް ވެއްޖެ ތިކަން ކުރަން