ލ. ދަނބިދޫން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ ދަނބިދޫން ފައްސިވި ދެ މީހުންނަކީ ލ. އަތޮޅު މާންދޫގެ އިހަލާ ގުޅުން ހުރި ދެ މީހުން ކަމަށެވެ. ދެ މީހުން ކޮވިޑަށް ފައްސިވެފައިވާތީ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަނބިދޫ ކައުންސިލުން ބުނީ މި ދެ މީހުންނާ ގާތުން އެއްތާންވި މީހެއްވާ ނަމަ ވީއެންމެ އަވަހަކަށް ސިއްހީ މަރުކަޒު ނުވަތަ ދަނބިދޫ ކައުންސިލަށް އެންގުމަށް އެދޭ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ހުކުރަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހުންނާއި ގާތުން އެއްތާންވި އެއްވެސް މީހެއް ހުރި ނަމަ ލަސްނުކޮށް އެންގުމަށް ވެސް ކައުންސިލުން އެދެއެވެ.

އެރަށުން ދެ މީހަކު ކޮވިޑަށް ފައްސިވެފައިވާތީ ދަނބިދޫ ސްކޫލް ވެސް ވަނީ ބަންދުކޮށްފައެވެ.

ދަނބިދޫގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ބަލި ފެނިފައި ވަނީ ހޯމް ކަރަންޓީންގައި ހުރި އުމުރުން 25 އަހަރުގެ ދިވެހި އަންހެނެއްގެ ގައިންނެވެ.

މާންދޫގައި އޮތް އިހަލާއި ގުޅިގެން ލ. ފޮނަދޫ އަދި ލ. ގަމަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. މި އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެ ވަނީ 148 އަށް އަރައިފައެވެ. މާންދޫގެ އިތުރުން އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުށީގައި ވަރަށް ހަލުވިކަމާއެކު، ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް-19 ގެ ވޭދަނަތަކުގެ އަދަދު 100 އަށް ވުރެ މައްޗަށެވެ.