ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޒިކުރާ މިސްކިތް ބިނާކުރުމަށްޓަކައި އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ދޫކޮށްފައިވާ 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވި ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. މި މައްސަލަ ބަލައިގަނެފައިވާ ކަން އަދި ސާފުވެފައެއް ނުވެއެވެ.

"ދާރުލް ޒިކްރާ" އަކީ 10 ބުރިއަށް އިމާރާތްކުރުމަށް 9، 2018 ގައި ހަވާލު ކުރި މަސައްކަތެކެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލު ކުރި އެ މަޝްރޫއަކީ 130 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ރައީސް ޔާމީންގެ ސަރުކާރުން ނިންމިއެވެ.

ނަމަވެސް އެ މަޝްރޫއު ހަވާލުކުރިތާ އަހަރެއް ވާން ކައިރިވީ އިރުވެސް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ. އެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެއްބަސްވުން ބާތިލްކުރި ނަމަވެސް އޭރު އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އޮތީ ދީފައެވެ. އެހާ ހިސާބަށް އައި އިރު އެ ކުންފުނިން ކޮށްފައި ވަނީ ޒިކުރާ މިސްކިތުގެ ބާ އިމާރާތް ތަޅައިލުމުގެ މަސައްކަތް އެކަންޏެވެ. އަދި އިމާރާތުގެ ރަޖިސްޓަރީ ނެތުމުގެ ސަބަބުން އެ މަޝްރޫއު ކުރިއަށް ގެންދަން ގޮންޖެހުންތަކާ ކުރިމަތިވިއެވެ.

މި މައްސަލައިގައި އެއްބަސްން ބާތިލްކުރުމުން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ވަނީ 111 މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރަން އިސްލާމިކް މިނިސްޓްރީން ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެ މައްސަލަ ހައިކޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ވަނީ އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހޫސަމް

    ތިކޯޓަށްގޮސްގެން ހޯދަން ޖެހޭ އެއްޗެއްނޫން. ފިނޭންސްމިނިސްޓްރީން އެޑަވައިސްއެއް ބޭނުންވާނީ. ޢޭރުން އެސްޖޭ އަށް ދޭން ޖެހޭ ފައިސާއިން އެއްބަސްވާގޮތަކަށް ކަދަމުން ދާނީ

  2. އަލީ

    ތިމައްސަލަވެސް ނިމޭނެގޮތް އެނގެ.