ކ. ހިންމަފުށިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 43 އަށް މިއަދު އަރައިފިއެވެ.

ހިންމަފުށިން މި ފަހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މި މަހުގެ 19 ވަނަ ދުވަހު މާލެ ދިއުމުންނެވެ. އޭގެ ފަހުން، ކޮންޓެކްޓް ޓްރޭސިން މަސައްކަތްކޮށް، 133 މީހެއްގެ ސުންކު ވަނީ ނަގައިފައެވެ. މި ސުންކުގެ ތެރެއިން އިތުރު 23 މީހަކު ވަނީ ފައްސިވެފައެވެ.

އެހެންވެ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 43 އަށް އަރައިފައެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުން އެންމެ ފަހުން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި މަސް ފެކްޓަރީއެއްގައި އާއި ރިހާކުރު ސައިޓަކުން ބަލި ޖެހުނު ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. އަދި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން އިތުރު އޮފިސަރުންތަކެއް ފައްސިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ މިއަދު ވެސް ވިދާޅުވީ ރަށު ތެރޭގައި ބަލި އުޅޭ ކަމަށް ނުބެލެވޭ ކަމަށެވެ.

"ރަށު ތެރެއިން މާ ގިނަ ކޭސްތަކެއް ނޫޅޭ، ބޮޑަށް ސައިޓުތަކުން ފެންނަނީ. ދެން ޖަލުގައި،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އިތުރު ސުންކުތަކުގެ ނަތީޖާ ބެލުމަށްޓަކައި މާލެ ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހިންމަފުށީ ސިއްހީ މަރުކަޒުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނަތީޖާ ނުލިބި 73 ސުންކެއް އެބައުޅެއެވެ.

"އިތުރު ތަންތަނުން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން މިދަނީ. އޭގެ ތެރޭގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު ހިމެނޭ،" އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، ހިންމަފުށިން އެކަނި ވެސް 1،776 ސުންކު ވަނީ ނަގައިފައެވެ. އޭގެ ތެރެއިން ކޮވިޑް-19 އަށް ނައްސިވެފައި ވަނީ 1،647 ސުންކެވެ. އަދި 56 ސުންކެއް ފައްސިވި އިރު، ބަލިން ރަނގަޅުވެފައި ތިބީ 13 މީހުންނެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ ރާއްޖޭގެ ރަށްރަށުގައެވެ. އެގޮތުން ލ. މާންދ، ޫއއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުށީގައި ވަރަށް ހަލުވިކަމާއެކު، ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް-19 ގެ ވޭދަނަތަކުގެ އަދަދު 100 އަށް ވުރެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރަނގު އާދަނު

    ދެންތިބޭ އަތްޖަހަން ހަޔާތް ކުޑަ ބައެއް ކަނޑައެޅިގެން އެޗްޕީއޭގެ އިހުމާލުވޭ ރައްރަށައް ބަލިފެތުރުމުގަ...ރަައްރަށއް ފަތުރައިގެން އަނެއްކާވެސް ބުއްޅަބޭމެން ލާރި ގަނޑެއްކާލާނެ ގޮތެއް ހަދަނީ......މިފަހަރު މިވެރިން މުއްސަނދިވެއްޖެ......ދެންބަ ލާނީ ދީނީކަންކަމައްގޯނާކޮށް ލާދިނިއްތަތު ފެތުރުން ކަމައް ލަފާކުރެވެނީ..

    1
    1
  2. އާއިރު

    ޙިންމަފުށީ މީހުން ސުންކު ނަގާކަށް އެއްބާރުލުމެއް ނުދެ. ފެކްޓްރީ ތަކުގެ މީހުންގެ އެކަނި ނަގުވަނި.. ދެން ރަށުތެރޭން ފައްސިވިކަމަކަށް ނުދައްކާނެއްނު.