މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސް ކުރި ބިލެކެވެ.

މި އިސްލާހުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ގާނޫނުގެ 12 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް އަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. އަދި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުންވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައެވެ.

މީގެ އިތުރުން މި ގެނައި އިސްލާހުގައި މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީވެސް ކުށެއްކަމުގައި މި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ގާނޫނަށް ގެނައި އިސްލާހުގައި ބަޔާން ކުރާގޮތުން މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިކަން ކުރުމަށް އަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރައީސް ސޯލިހް، މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާޙު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު