ނިމިދިޔަ މާރިޗު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅެ 84 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެ އެވެ.

އެމިނިސްޓްރީން އާއްމުޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 215 މައްސަލައެއް މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަތަކަށް މިނިސްޓްރީން އެޓެންޑް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި އަނިޔާ، އަހުލާގީ މައްސަލަ، އާއިލީ މައްސަލަ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 27 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ޖިންސީ ހާނިއްކައިގެ 18 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަހުލާގީ މައްސަލަތަކަށް ބަލާއިރު، 14 މައްސަލަ ހުށަހަޅާފައިވެއެވެ. މިނިސްޓްރީން ބުނީ، އެ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ އަދި ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލަތަކުގެ ތެރެއިން ތަޢުލީމަށް ހުރަސްއެޅުމުގެ 1 މައްސަލަ ވެސް މިދިޔަ މަހު ވަނީ މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި މާރާމާރި ހިންގުމުގެ 1 މައްސަލަ އަދި ވައްކަންކުރުމުގެ 1 މައްސަލަ ހިމެނެއެވެ. އަދި ޢާއިލީ މައްސަލަތަކުގެ 27 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން ބަލާއިރު ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 14 މައްސަލަ އަކާއި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނޭ ކަމަށް ވެސް މިނިސްްޓްރީން ބުންޏެވެ.
މީގެ އިތުރުން ރިޕޯޓް ކޮށްފައިވާ ބައެއް މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 21 މައްސަލައެއް ވަނީ ހުށަހަޅާފައިވާއިރު، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.
މިނިސްޓްރީން ބުނީ، މިދިޔަ މަހު 3 ކުއްޖަކު ޢާއިލާއާ ރީއިންޓަރގްރޭޓް ކުރެވި 1 ކުއްޖަކު ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށާއި 18 އަހަރު ފުރިފައިވާ 3 ކުއްޖަކު މާރިޗު މަހު ވަނީ ވަޒީފާގެ ފުރުޞަތާއެކު މުޖުތަމަޢުއަށް ރީއިންޓަރގްރޭޓް ކުރެވިފައި ކަމަށެވެ. އަދި މިދިޔަ މަހާއި ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު 222 އަށް އަރާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.