އަފްޣާނިސްތާނުގައި އިއްޔެ ހިންގުނު އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް) ގުރޫޕުގެ 407 ނިރުބަވެރިން ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި ދިވެހިންތަކެއް ހިމެނޭ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 14 ގައުމެއްގެ މީހުން ހިމެނެއެވެ

ނޭޝަނަލް ޑައިރެކްޓޮރޭޓް އޮފް ސެކިއުރިޓީގެ އިސް ވެރިޔާ، އަހްމަދު ޒިއާ ސިރާޖް ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ނިރުބަވެރި ގުރޫޕު ތަކުގެ ތެރޭގައި ހިމެނޭ އަލް ގައިދާ އާއި އައިއެސްއައިއެސް އިން އަދިވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

ހައްޔަރު ކުރެވުނު ނިރުބަވެރިންގެ ތެރޭގައި ހިމެނެނީ އިރާން އާއި، ޕާކިސްތާން، ތުރުކީ، އިންޑޮނޭޝިއާ، ބަންގްލަދޭޝް، އިންޑިއާ، އަދި ރާއްޖެއަށް ނިސްބަތްވާ މީހުން ކަމަށް އަހްމަދް ޒިއާ ސިރާޖް ވިދާޅުވެފައި ވެއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ އެހެން ޕްރޮވިންސް ތަކުގައި އޮޕަރޭޝަން ހިންގަމުން ދާ ކަމަށެވެ.

ނިރުބަވެރި އެ ހަމަލައިގައި 135 ތާލިބާން މީހުން މަރުވެ 92 މީހުން ޒަހަމް ވެފައިވެއެވެ. އެތައް ބައިވަރު ހަތިޔާރު ތަކެއް ހަލާކު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ބޭރުގެ ނިރުބަވެރި ޖަމާއަތްތަކާއި ގުޅިގެން އުޅުނު ބައެއް ދިވެހިން މީގެ ކުރިން ވެސް އެކި ގައުމުތަކުން ހައްޔަރު ކުރިއެވެ.