މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒެއްގައި ތައުލީމު ހާސިލްކުރާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ އެސައިންމެންޓުތައް އެހެން މީހެއްލައްވާ ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން އެ މަސައްކަތް ކުރުވުމަކީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަތީ ތައުލީމުގެ ބިލުގައި އެގޮތަށް ހިމަނައި މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

އެ ބިލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުން ނުވަތަ މަސައްކަތް ކޮށްދިނުމަށް އެދުމަކީ އެއީ ކުށެއް ކަމަށް ވަނީ ހިމަނައިފައެވެ.

އެގޮތުން އެ ބިލުގައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހަކު މެދުވެރިކޮށް އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށް ބުނެފައެވެ. އަދި އެ ކުށުގެ އަދަބަކީ 5000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް އެ ބިލުގައިވެއެވެ.

ހަމައެހެންމެ އަމިއްލައަަށް އަގެއް ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހަދާ ދިނުމަކީ ކުށެއް ކަމަށް ނިންމާ އެ ކުށުގެ އަދަބަކީ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ އެފަދަ ކަމެއް ދަރިވަރު ހިންގާފައިވޭތޯ ބަލާނެ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރުމަށް ބިލުގައި ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުުރުން އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބުނާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ބިލުގައި އެ މާއްދާ ހިމަނާފައި ވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާއްމުވުމުގެ ސަބަބުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި މަތީތައުލީމުގެ ފެންވަރު ދަށްވާތީ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    ހީހީ ހަމަ ހިނި، ތިޔަކަން ތިގޮތަށް ކުރަން ދަސްކޮށްދޭން ތިޔައުޅެނީ، އެމްޑީޕީ މެމްބަރުން ވަނީ ބޮޑުތަނުން ފެއިލްވެފައި ނުންތޯ ؟

  2. ޢަހުމަދު

    5000 ރުފިޔާއިން ޖޫރިމަނާ.... އެއީ ކޮންކަހަލަ ޖޫރިމަނާއެއް. ސާބަސްފުޅު

  3. އާދަމުގެދަރި

    ރާއްޖެއިން ބޭރުގައި ހުރެގެން އެސައިންމަންޓް ހަދާ ބިދޭސީ މީހާ މި ބިލުން ޖޫރިމަނާކުރެވޭނެ ގޮތަކީ ކޮބައިތަ؟ މި ބިލު އޮތަސް ނެތަސް ތިކަން ކުރާ މީހުން ކުރާނެ. ކުރެވޭގޮތަށް ދުނިޔެ މިއޮތީ.